ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާ 'ޤައުމީ ބޮޑު އެއްވުން' މިއަދު: ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ކުރިއަށްދާނެ!
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިސްނަގައި، ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކެއް ގުޅިގެން ފަލަސްޠީނާ އެއްބައިވަންތަކަން ފާޅުކުރުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ 'ޤައުމީ ބޮޑު އެއްވުން' މިއަދު ކުރިއަށްދާނެއެވެ. މާލޭގައި މިއެއްވުން ކުރިއަށްދާއިރު، ރާއްޖޭގެ އެހެން ގިނަ ރައްތަކުގައިވެސް މިއަދު ހަވީރު މިޙަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްވުމުގެ މައިގަނޑު މަޤްޞަދަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމު ހުއްޓުވައި، އެ ސަރަޙައްދުގެ ޙިޞާރު ނިމުމަކަށް ގެނައުމަށް ބާރުއެޅުމެވެ.
މާލޭގައި މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:30 ގައި މާފަންނު ޓާފް ދަނޑުގައެވެ. އިންތިޒާމުކުރާ ފަރާތުން ބުނާ ގޮތުގައި، މި އެއްވުމަށް ޚާއްޞަ ބޭފުޅުންގެ ގޮތުގައި ޣައްޒާގެ ޤަތުލުއާންމުގެ ތެރޭގައި ހަތް މަސް ދުވަސް ހޭދަކުރެއްވި ފަލަސްޠީނުގެ ރައްޔިތަކާއި އޭނާގެ ދަރިފުޅު ބައިވެރިވާނެއެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާ 12 ބައިނަލްއަޤްވާމީ ޝަޚްޞިއްޔަތުވެސް މި އެއްވުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
Ads by BMLމި ޤައުމީ ހަރަކާތް ހަމައެކަނި މާލެއަށް އަމާޒުކޮށްފައި ނުވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް އެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ރާއްޖޭގެ 50 އަތޮޅު ކައުންސިލަކުން ބައިވެރިވާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށް އިންތިޒާމް ކޮމިޓީން ފާހަގަކުރެއެވެ.
މިއީ 'ގްލޯބަލް ސުމޫދު ފްލޯޓިލާ' ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ސިލްސިލާ ހަރަކާތްތަކެއްގެ ބައެކެވެ. ރާއްޖޭގެ އިތުރުން މިއަދު ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، އަދި ފިލިޕީންސްގައިވެސް މިފަދަ އެއްވުންތައް ބޭއްވޭނެއެވެ.
ދުނިޔޭގެ 44 ޤައުމަކުން ބައިވެރިވާ 'ގްލޯބަލް ސުމޫދު ފްލޯޓިލާ' ހަރަކާތުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރާ ގުޅޭގޮތުން އައިއޭސީގެ މީޑިއާ ޑިރެކްޓަރ އަޒްހަދު އަޙުމަދު ފާހަގަކުރެއްވި ގޮތުގައި، އެއީ އިންޑޮނޭޝިއާ ފަޅިން ބޯޓުތަކަށް އަރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމެވެ.
Ads by MACL
