ރައްޔިތުންގެ ޝަކުވާތައް ހުށަހަޅަން މާލެއާއި ހުޅުމާލޭގައި ސީ.ސީ.ބީގެ ދެ ލައުންޖު ހުޅުވައިފި
ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީ.ސީ.ބީ) ގެ ދެ ލައުންޖު މާލެއާއި ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ދެ ލައުންޖަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ޤާއިމުކުރެއްވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ޚިދުމަތްތައް ރައްޔިތުންނާ އިތުރަށް ގާތުން ފޯރުކޮށްދިނުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މިގޮތުން، ރައްޔިތުންނަށް ފަސޭހައިން ޒިޔާރަތްކުރެވޭނެ ފަދަ ސަރަޙައްދުތަކެއްގައި ހުޅުވި މި ދެ ލައުންޖުގެ ތެރެއިން މާލޭގެ ލައުންޖު ޤާއިމުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާރމިނަލްގައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގގެ ތިރީ ފަންގިފިލާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް މި ދެ ލައުންޖުން ޚިދުމަތް ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ކައިރި މުސްތަޤުބަލެއްގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީ.ސީ.ބީގެ ލައުންޖެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އެމަނިކުފާނުގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް މެދުކެނޑުމެއް ނެތި 24 ގަޑިއިރު އިޖާބަދިނުމަށް އުފެއްދެވި މި ބިއުރޯގެ ދަށުން، "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ޚާއްޞަ ވެބް ޕޯޓަލެއް އިފްތިތާޙުކޮށް، 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
އެހެންކަމުން، ލައުންޖުތަކަށް ޒިޔާރަތްކުރުމުގެ އިތުރުން، ސީ.ސީ.ބީގެ ހޮޓްލައިން ނަންބަރު 1470 އަށް ގުޅައިގެންނާއި ވެބް ޕޯޓަލް މެދުވެރިކޮށްވެސް ރައްޔިތުންނަށް ކޮންމެ ވަގުތަކުވެސް ޚިޔާލާއި ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު މިހާރު ވަނީ ފަހިވެފައެވެ.
Ads by MACL
