ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމާއެކު ޝީ އާއި ޕޫޓިން ހުޅަނގުގެ 'ޕްރޮޓެކްޝަނިޒަމް' އާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ފާޑުވިދާޅުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމާއެކު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން، ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ވިޔަފާރި ހިމާޔަތްކުރުމުގެ ސިޔާސަތުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޗައިނާގެ ޓެކްނޮލޮޖީ ހަބެއްގެ ގޮތުގައި ބެލެވޭ ޝެންޒެންގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އެޕެކް) ސަމިޓުގައި މި ދެ ބޭފުޅުން ތަގުރީރު ކުރެއްވީ، ސަރަހައްދީ ބައިވެރިންނާއެކު މެނީލާގައި ބޭއްވި ބައްދަލުވުންތަކަށްފަހު ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމުން ރައީސް ޝީ ވަނީ އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. މިއީ ޝީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރުގެ ލީޑަރަކަށް އެއާޕޯޓުން މަރުހަބާ ވިދާޅުވި ފުރަތަމަ ފަހަރެވެ. މި ދެ ބޭފުޅުން ބައްދަލުވެ ކުރު ގޮތަކަށް ސަލާމްކުރައްވައި، އޭގެ ފަހުން ވަކިވަކިން މޮޓޯކޭޑުގައި ވަޑައިގެންނެވިއެވެ.
Ads by BMLޗައިނާގެ ދައުލަތުގެ ނޫސް އޭޖެންސީ ޒިންހުއާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝީ ވިދާޅުވީ ޗައިނާއަކީ އަދަބު އިހުތިރާމް އަދާކުރުމާއި ބަދަލުގައި ހެޔޮކޮށް ހިތުމުގެ އާދަކާދަ އޮންނަ ގައުމެއް ކަމަށެވެ. ޓްރަމްޕް ވެސް ވަނީ ޝީއާއެކު ބާއްވާ ކޮންމެ ބައްދަލުވުމަކީ ވަރަށް ހިތްގައިމު ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ.
މި ތިން ބާރުގެ ލީޑަރުން، އެބަހީ ޝީ، ޓްރަމްޕް އަދި ޕޫޓިން ބުރާސްފަތި ދުވަހު ބާއްވާ މުހިންމު ބައްދަލުވުމުގައި، ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާއި، އެމެރިކާއިން އީރާނުގައި ކުރަމުންދާ ހަނގުރާމައިގެ އިތުރުން، ވިޔަފާރިއާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ނިއުކްލިއާ ހަތިޔާރާ ގުޅޭ މުހިންމު ކަންކަމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.
މި ބައްދަލުވުމަކީ 1945 ވަނަ އަހަރު އެމެރިކާ، އިނގިރޭސިވިލާތް އަދި ސޯވިއެޓް ޔޫނިއަނުން ބޭއްވި ޔަލްޓާ ކޮންފަރެންސާ އެއްފަދަ ބައްދަލުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އަދި ބޮޑެތި ބާރުތަކުން ވާ އެއްބަސްވުންތަކުގެ ސަބަބުން ކުދި ގައުމުތަކުގެ މަސްލަހަތު ގެއްލިދާނެ ކަމުގެ ބިރު ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ ފާޅުކޮށްފައެވެ.
ސަމިޓު ހުޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވަނީ، އެމެރިކާއިން ޓެރިފް ބޮޑުކޮށް ހަރުކަށި ހާރިޖީ ސިޔާސަތެއް ގެންގުޅޭ ދަނޑިވަޅެއްގައި، ޗައިނާއަކީ ދުނިޔޭގެ މަސްރަހުގައި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދެއްކެވުމަށް މަސައްކަތް ކުރައްވާފައެވެ. އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަސާސަކަށް ބަލައިގެން މިނިވަން އަދި ހުޅުވާލެވިފައިވާ ވިޔަފާރިއަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޝީގެ މި ވާހަކަފުޅުތައް އައިސްފައިވަނީ، އެންވީޑިއާ ފަދަ ކުންފުނިތަކުގެ ޒަމާނީ އޭއައި ޗިޕްތައް ޗައިނާއަށް ލިބުން އިތުރަށް ހަނިކުރުމަށް ވޮޝިންޓަނުން ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާއިން ވަނީ މިކަމަށް ރައްދު ދޭނެ ކަމަށް ބުނެފައެވެ.
އެހެން ގައުމުތަކުގެ ލީޑަރުންނަށް ސަގާފީ ނެށުންތަކާއި އަސްކަރީ ޝަރަފާއެކު މަރުހަބާ ކިޔާފައިވީ ނަމަވެސް، ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކައިޗީއަށް އެއާޕޯޓުން އެއްވެސް ރަސްމީ މަރުހަބާއެއް ނުކިޔައެވެ. މިއީ ތައިވާނުގެ މައްސަލައިގައި ޗައިނާއާއި ޖަޕާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައި ބެލެވެއެވެ.
ޝީއަށްފަހު ތަގުރީރު ކުރައްވަމުން ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވީ، ހުޅަނގުގެ ބާރުތަކަކީ "ކުރީގެ ބާރުތައް" ކަމަށާއި ޔޫރަޕް އޮތީ ލަދުވެތި ވެއްޓުމެއްގައި ކަމަށެވެ. އަދި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން ނުކުތީ އިދިކޮޅު ނަތީޖާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޫޓިން އިތުރަށް ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފްތަކަކީ ވާދަވެރި ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން ހުއްޓުވޭނެ ވަސީލަތްތަކެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހު ހަލަބޮލިވެފައިވީ ނަމަވެސް، މަޝްވަރާގެ މޭޒުދޮށުގައި އިށީނދެގެން ހިޔާލު ތަފާތުވުންތައް ހައްލުކުރެވިދާނެ ކަމަށާއި، ކުރިއަށް އޮތް ތިން ގައުމުގެ ބައްދަލުވުމުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.
Ads by MACL
