ބޮޑު އަގުގައި ޑޮލަރު ވިއްކި ތިން ތަނެއްގެ ލައިސަންސް ބާޠިލުކޮށް، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފަށް، ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދިޔަ ތިން ތަނެއްގެ ލައިސަންސް ބާޠިލުކޮށް، ޖުމްލަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން މިއަދު ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކުން މަޢުލޫމާތު ދެއްވި ގޮތުގައި، ގަވާއިދާ ޚިލާފުވެގެން ފިޔަވަޅު އަޅާފައިވާ ތިން ކުންފުންޏަކީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑެވެ.
މި މައްސަލައާ ގުޅިގެން އެމް.އެމް.އޭ އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން، މި ތިން ކުންފުނީގެ މަނީ ޗޭންޖިންގ ލައިސަންސް ވަނީ ބާޠިލުކޮށްފައެވެ. މީގެ އިތުރުން، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް، މިއިން ކޮންމެ ކުންފުންޏެއް ވަނީ 250,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެހެންކަމުން، މި ތިން ކުންފުންޏަށް ކުރި ޖޫރިމަނާގެ ޖުމްލަ އަދަދު 1,000,000 (އެއް މިލިއަން) ރުފިޔާއަށް އަރައެވެ.
Ads by BMLބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށާއި، ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށްޓަކައި އެމް.އެމް.އޭ އިން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، މީގެ ކުރިންވެސް ގަވާއިދާ ޚިލާފުވި ބައެއް މަނީ ޗޭންޖަރުންގެ ލައިސަންސް ބާޠިލުކޮށް ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
