ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ގޮތުގައި 32 މިލިއަނަށްވުރެ ގިނަ ރުފިޔާ

އެންސްޕާ ފޮޓޯ ސޯޝަލް މީޑިއާ
އެންސްޕާ ފޮޓޯ ސޯޝަލް މީޑިއާ

މިދިޔަ މަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެންސްޕާއިން އެހީގެ ގޮތުގައި 32 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން މި ޚަރަދުކޮށްފައިވަނީ އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށްށެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުވެސް ބޭސްފަރުވާއަށް އެހީތެރިކަން އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ތިބެގެން ބޭސްފަރުވާ ކުރުމަށެވެ.

ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 32.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖުލައި މަހު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 11.7 މިލިޔަން ރުފިޔާ އަދި ރާއްޖޭގައި ފަރުވާކުރުމަށް 21.1 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ޖުލައި މަހު 22 ބާވަތެއްގެ ބައްޔެއްގައި ޖުމްލަ 1521 ކޭސްއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިދިޔަ މަހު އެންސްޕާއިން އެހީގެގޮތުގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށާއި ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. އެގޮތުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 146 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 132 ކޭސްއަށް އެހީތެރިކަން ފޮރުކޮށްދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ނާރުގެ ބަލިތަކުގެ 124 ކޭސްއަށް އެހީ ފޯރުކޮށްދީފައެވެ.

Image
އެންސްޕާއިން ފޯރުކޮށްދެވުނު އެހީގެ ތަފްސީލް. ފޮޓޯ އެންސްޕާ

މިިދޔަ މަހުވެސް ވަނީ ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށްވެސް އެހީ ހަމަޖައްސައިދީފައެވެ. އެގޮތުން އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ޖުމްލަ 575 ކޭސްއަކަށް 8.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ ތެރޭގައި އޭޑީކޭއިން 216 ކޭސް އަށް 3.7 މިލިޔަން ރުފިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުން 359 ކޭސްއަށް 4.5 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެންސްޕާއިން އަންނަނީ ތަފާތު އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތުއެކި ޕްރޮގްރާމްތައް ހިނގަމުންނެއެވެ. ރާއްޖެއާ ރާއްޖެއިން ބޭރުން އެންސްޕާ މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އެހީ ހޯދަމުން އަންނައިރު މިމަހުން ފެށިގެން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ވަނީ ހަމަޖައްސަވާފައެވެ.