ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އިތުބާރުހުރި ބައިވެރިއެއް: ރައީސް

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އިތުބާރުހުރި ބައިވެރިއެއް: ރައީސް

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އިތުބާރުހުރި ބައިވެރިއެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވަމުން، ރައިސް ވިދާޅުވީ އިންޑިއާއަކީ ތަރައްގީގައި ދިވެހިރާއްޖެއަށް އަބަދުވެސް އިތުބާރުކުރެވޭ ބައިވެރިއެއް ކަމުގައެވެ.


އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ރައީސް ދްރައުޕަދީ މުރްމޫއަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އަދި އިންޑިއާގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ހޫނު މަރުހަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.


ރައީސް ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންނާ ދެމެދު އޮންނަ ގާތް ގުޅުމާއި، ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަކީ ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ ހެއްކެއް ކަމަށާއި، އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.


މި ސަރުކާރު ފެށުނުތަނާ ދެ ގައުމުގެ ގުޅުމަށް ހީނަރުކަމެއް އައި ނަމަވެސް، ފަހަކަށް އައިސް ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. މިގޮތުން، ރައީސް މުއިއްޒު ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.


މިކަމުގެ ހެއްކެއްގެ ގޮތުން، މިދިޔަ މަހު ރާއްޖޭގައި ފާހަގަކުރި 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނަކީ ވެސް އިންޑިއާގެ ބޮޑުވަޒީރު މޯދީއެވެ.