އާ ޓާމިނަލުން ހިދުމަތްދޭ ފުރަތަމަ ލަގްޒަރީ އެއާލައިނަކަށް ބިއޯންޑް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން ޚިދުމަތް ދޭ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ޝަރަފު، 'ބިއޯންޑް' އަށް ލިބިއްޖެއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ މާދަމާއިން ފެށިގެން ބިއޯންޑްގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރާނެކަން ހާމަކޮށްފައެވެ. މިއާއެކު، ބިއޯންޑް ވެގެންދާނީ އާ ޓާމިނަލް ބޭނުންކުރާ ތިންވަނަ އެއާލައިނަށެވެ.
މިދިޔަ މަހު 27 ވަނަ ދުވަހު އޮޕަރޭޝަންތައް ފެށި އާ ޓާމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދޭން ފަށާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންއިންނެވެ. އޭގެ ފަހުން، މި ޓާމިނަލް ބޭނުންކުރި ފުރަތަމަ ބައިނަލްއަޤްވާމީ އެއާލައިނަކަށް ވެފައިވަނީ މީގެ ދެ ދުވަސް ކުރިން ޚިދުމަތް ފެށި އެއަރ އަރަބިއާއެވެ.
ބިއޯންޑްގެ އޮޕަރޭޝަންތައް ބަދަލުކުރުމުގެ ކުރިން، އެމްއޭސީއެލްއިން ވަނީ މިއަދު ކާމިޔާބު ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައެވެ. މި ޓްރަޔަލްގެ މައިގަނޑު މަޤްސަދަކީ، ޓާމިނަލްގައި އަލަށް ޤާއިމްކޮށްފައިވާ އޭޑީވީޖީއެސް (އެޑްވާންސްޑް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމް) އަށް، ބިއޯންޑްގެ ކަޅުކުލައިގެ ފާހަގަކޮށްލެވޭ މަތިންދާބޯޓު ދެނެގަނެވޭތޯ ކަށަވަރުކުރުމެވެ.
Ads by BMLވީއައިއޭގެ ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ "އޮރާޓް ޕްރޮސެސް" ގެ ދަށުން، ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ. މިއީ އެއާލައިންތަކުގެ ޚިދުމަތްތައް، މަރުޙަލާތަކަކަށް ބަހާލައިގެން، މެދުކެނޑުމެއްނެތި އޮމާންކަމާއެކު ބަދަލުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
އެމްއޭސީއެލްގެ އަމާޒަކީ، މިއަހަރުގެ ފަތުރުވެރިކަމުގެ އެންމެ ގިނަ ދުވަސްވަރު (ޕީކް ސީޒަން) ފެށުމުގެ ކުރިން، ހުރިހާ ބައިނަލްއަޤްވާމީ އެއާލައިނެއްގެ ޚިދުމަތް އާ ޓާމިނަލަށް ބަދަލުކޮށް ނިންމުމެވެ.
Ads by MACL
