ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

'ދަރުމަވަންތަ'ގެ ނަމުގައި ތާރީޚީ މަނަވަރު ދިވެހި ސިފައިންގެ ޚިދުމަތަށް!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން ----
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން ----

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑުގެ ޤާބިލްކަން އިތުރުކޮށް، އަސްކަރިއްޔާގެ ތާރީޚަށް އާ ބޮޅެއް އިތުރުކޮށްދީފިއެވެ.

އެއީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި، އަދި މިހާތަނަށް ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު ކަނޑުގެ އުޅަނދުކަމުގައިވާ "ދަރުމަވަންތަ" މަނަވަރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފްއާ ޙަވާލުކުރުމުންނެވެ.

 

ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ފަރާތުން މަނަވަރާ ޙަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ތުރުކީ ސަރުކާރުގެ ފަރާތުން މަނަވަރު ޙަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ދަރުމަވަންތަ" ގެ ނަންފިލާ ކައްޝަފުކޮށްދެއްވައި، ޚިދުމަތް ފެށުމުގެ ލިޔުމާއި ޤައުމީ ދިދަ ޙަވާލުކޮށްދެއްވާފައެވެ.

 

"ދަރުމަވަންތަ" ޚިދުމަތަށް ނިކުތުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އިތުރުން، ފުޅާ ދާއިރާއެއްގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދިވެހި ސިފައިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ދިފާޢީ ބާރުގެ ޤާބިލްކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ޙައިސިއްޔަތުން ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.


 

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޢައްސާން މައުމޫންއާއި ޗީފް އޮފް ޑިފެންސް ފޯސްއެވެ. ރަސްމިއްޔާތުގެ ތެރެއިން މަނަވަރު ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ވަނީ ސޮއިކުރައްވާފައެވެ.