ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދުގައި ބައިވެރިވުމަށް ވަޒީރު ޑރ. ޝަހީމް ގޮވާލައްވައިފި
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރާ "މަތިވެރި ޖިހާދުގައި" ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް ދެކޮޅުހަދައި، އެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބޭއްވި ބޮޑު އެއްވުމުގައި، ވަޒީރު ޝަހީމް ވިދާޅުވީ، ދިވެހި އުންމަތާއި ފަލަސްތީނާ ދެމެދު އޮތީ ވަރަށް ވަރުގަދަ އުޚުއްވަތްތެރިކަމެއްގެ ގުޅުމެއް ކަމަށާއި، މިނިވަން މުސްތަގިއްލު ފަލަސްތީނެއް ގާއިމުވަންދެން އެ ޤައުމުގެ ޙައްގުގައި ދިވެހިން ސާބިތުވެ ތިބެންޖެހޭނެ ކަމަށެވެ. މިއީ ޙައްގު ގޮތްކަން ފާހަގަކުރައްވައި، މަސްޖިދުލްއަޤްސާ އާއި ޣައްޒާގެ ދިފާއުގައި މަސައްކަތްކުރާ މުޖާހިދުންނަށްޓަކައި އަޑުއުފުލުމުގެ މުހިންމުކަން ވަޒީރު ހާމަކުރެއްވިއެވެ.
Ads by BML"އަޅުގަނޑުމެން ގޮވާލަނީ ޣައްޒާއަށް އޮތް ހިސާރު މިހާރުން މިހާރަށް ނައްތާލާށޭ. ޣައްޒާއަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ނައްތާލާށޭ. ބޯޑަރުތައް ހުޅުވާލާށޭ،" ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ގޮވާލައްވަމުން ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ޔަހޫދީ ދައުލަތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި، އެ ޢަމަލުތައް ހިންގުމުގައި ބައިނަލްއަޤްވާމީ ބޮޑެތި ބާރުތަކުން އިސްރާއީލަށް ދެމުންގެންދާ އެހީތެރިކަން ވަޒީރު ޝަހީމް ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
"ސަހުޔޫނީ ބާރުތަކާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަތިވެރި ޖިހާދުގައި ދިވެހި ރައްޔިތުންވެސް ބައިވެރިވާންޖެހޭނެ،" ޝަހީމް ވިދާޅުވިއެވެ.
އެމީހެއްގެ ފެންވަރުން، ދުލުން ނުވަތަ މުދަލުން ވިޔަސް، މި ޖިހާދުގައި ބައިވެރިވެ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
Ads by MACL
