ޔާމީންގެ ތުހުމަތުތަކަކީ "ދަށު ދަރަޖައިގެ ދޮގެއް"، ގާނޫނީ ފިޔަވަޅު އަޅާނަން: މައުމޫން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ޔާމީން ކުރައްވާ ތުހުމަތުތަކަކީ އެމަނިކުފާނުގެ އަބުރު ކަތިލުމުގެ މަޤްސަދުގައި ދައްކަވާފައިވާ "ދަށު ދަރަޖައިގެ ދޮގު" ވާހަކަތަކެއް ކަމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުއްވުމާމެދު ވިސްނަވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިފަހުން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ތުހުމަތު ކުރައްވާފައިވަނީ، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން، ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ނެރުއްވި އަމުރެއް ކަމަށެވެ. އަދި އެކަމަށް ބޭނުންވި ފައިސާ ހޯއްދެވީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަތުން ކަމަށްވެސް ޔާމީން ވިދާޅުވެފައިވެއެވެ.
އެ ވާހަކަތައް އެއްކޮށް ދޮގުކުރައްވައި ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައާއި، އޭގެ ކުރިން އަދި ފަހުންވެސް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް، ނުވަތަ ދައުލަތުގެ އެއްވެސް މަޤާމެއްގައި ހުރި ފަރާތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާއެއް ނުވަތަ އެހެން އެއްވެސް އެއްޗެއް ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ޢަމަލެއް ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLފަސް ފަނޑިޔާރުންގެ އިއްތިފާޤުން 2018 ފެބްރުއަރީ އެކެއްގައި ނެރުނު ސުޕްރީމް ކޯޓުގެ އަމުރުގައި އޭރު ޖަލުގައި ތިއްބެވި ސިޔާސީ ގިނަ ލީޑަރުންތަކެއް މިނިވަން ކުރުމަށް އަންގާފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ފަދަ ބޭފުޅުން ހިމެނެއެވެ. ނަމަވެސް އޭރުގެ ޔާމީންގެ ސަރުކާރުން އެ އަމުރު ތަންފީޛުކުރުމަށް ފަސްޖެހި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކުރުމަށްފަހު، އެ އަމުރުގެ ބައިތަކެއް ބާޠިލުކުރިއެވެ.
އެ ހާދިސާތަކަށްފަހު، ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ރައީސް މައުމޫން ހައްޔަރުކޮށް، ތަޙްޤީޤަށް އެމަނިކުފާނުގެ ފޯނު ދެއްވާފައި ނުވާކަމުގެ ކުށުގައި އެއް އަހަރާއި ހަތް މަހުގެ ޖަލު ޙުކުމެއް އިއްވިއެވެ. އެ ޙުކުމް ބާޠިލުކޮށް އެމަނިކުފާނު މިނިވަންވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ޔާމީން ބަލިވެވަޑައިގަތުމަށްފަހު، އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
Ads by MACL
