ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވައިގެ މަގުން ރާއްޖެ އަށް ގެނެވޭ މުދާތަށް އިތުރު ވެއްޖެ

ކާގޯ ޙިދުމަތް ފޯރުކޮށްދެނީ
ކާގޯ ޙިދުމަތް ފޯރުކޮށްދެނީ

އަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު މިދިޔަ އަހަރާއަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުުން 5 އެއަރލައިނަކުން 1686 ޓަނުގެ ކާގޯ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 3 އެއަރލައިނަކުން 510 ޓަނުގައެވެ. އެހެންކަމުން ރާއްޖެއަށް ވައިގެ މަގުން މުދާ އެތެރެކޮށްފައިވާ މިންވަރު ވަނީ 230.6 އިންސައްތަ އިތުރުވެފައެވެ.

ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު މިހާބޮޑަށް އިތުރުވެފައި މިވަނީ ކާގޯ އުފުލާ ވައިޑް ބޮޑީ މަތިންދާ ބޯޓުތަކުން ރާއްޖެއަށް ދަތުރުތައް ކުރުމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވައިޑްބޮޑީ 2 ބޯޓަކުން ރާއްޖެއަށް 63 ޓަނުގެ މުދާ ވަނީ އެތެރެކޮށްފައެވެ.





ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އެއް އެއަރލައިނެއްގެ ވައިޑް-ބޮޑީގެ 2 ބޯޓަކަށް ރާއްޖެއަށް ވަނީ ގިނަ އަދަދެއްގެ މުދާ އެތެރެކޮށްފައެވެ. އެއީ ގަތަރު އެއަރވޭސްގެ ކާގޯ ބޯޓު B777F އިންނެވެ. އެގޮތުން މި ބޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު 7 ޓަނުގެ ކާގޯ އެތެރެކޮށްފައިވާއިރު، މިމަހުގެ 13ވަނަ ދުވަހުވެސް 55 ޓަނުގެ ކާގޯ ވަނީ އެތެރެކޮށްފައިވެއެވެ.





2025 ޖަނަވަރީ 1 - އޮގަސްޓް 14: ވައިގެމަގުން މުދާ އެތެރެކޮށްފައިވާ މިންވަރު


އެފްކޮމް ކާގޯ - 106 ފްލައިޓު - 1459 ޓަނު
ފްލައި ވާޔު - 9 ފްލައިޓު - 126 ޓަނު
ގަތަރު ކާގޯ - 2 ފްލައިޓު - 63 ޓަނު
އެމްޖެޓްސް - 2 ފްލައިޓު - 34 ޓަނު
އެއަރ މަރސްޓަރ - 1 ފްލައިޓު - 2 ޓަނު

2024 ޖަނަވަރީ 1 - އޮގަސްޓް 14: ކާގޯ އުފުލި މިންވަރު

އިންޑިގޯ - 23 ފްލައިޓު - 450 ޓަނު ޕްރަދާން އެއަރ އެކްސްޕްރެސް - 3 ފްލައިޓު - 23 ޓަނު ކުއިކްޖެޓް އެއަރލައިންސް - 2 ފްލައިޓު - 36 ޓަނު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. މި ތަޞައްވުރު ހާސިލްކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން މިހާރު ޝެޑިއުލްކޮށްގެން މުދާ އުފުލާ އެއަރލައިންތަކާއެކު މަސައްކަތްކޮށް، ދަތުރުތަކުގެ އަދަދު އިތުރުކުރުމާއި އިތުރު ރޫޓުތައް ތަޢާރަފުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ހަމަމިއާއެކު، ކާގޯގެ ޚިދުމަތް އަލަށް ފެށުމަށް ބޭނުންވާ އެއަރލައިންތަކާއެކު މަސައްކަތްކުރުމުގެ އިތުރުން، އަލަށް ފަށާ ރޫޓުތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މުދާ އުފުލޭނެ ގޮތްތައް އިތުރުކުރުމަށްވެސް އެމްއޭސީއެލުން ދަނީ މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން، ކަނޑުމަގުންނާއި ވައިގެމަގުން މުދާ އުފުލުމުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، މުދާ އުފުލާ އެއަރލައިންތަކަށް އަވަސް ޚިދުމަތެއް ދިނުމަށާއި، އެއް ބާވަތުގެ އުޅަނދުން އަނެއް ބާވަތުގެ އުޅަނދަށް ފަސޭހައިން މުދާ ބަދަލުކުރެވޭނެ ގޮތް ހެދުމަށާއި، އަދި އިތުބާރުހުރި ޚިދުމަތެއް ދިނުމަށްޓަކައި، އިންފްރާސްޓްރަކްޗަރާއި މުދާ ގެންގުޅުމުގެ ވަސީލަތްތައް ރަނގަޅުކުރުމަށްވެސް އެމްއޭސީއެލުން ދަނީ މަސައްކަތްކުރަމުންނެވެ.









-