ސްރީ ލަންކާގެ ފިޓްސް އެއާ، ވީއައިއޭގެ އާ ޓާމިނަލުން އުދުހެން ފަށައިފި
ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން، ފިޓްސް އެއާއިން މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުން ހިދުމަތް ދޭން ފަށައިފިއެވެ. މިކަމާއެކު، ފިޓްސް އެއާ ވެގެން ގޮސްފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތްދޭ ޓާމިނަލް 1 އިން ހިދުމަތް ހޯދާ ހަތަރުވަނަ ބައިނަލްއަގްވާމީ އެއާލައިނަށާއި، އަދި ސްރީ ލަންކާއިން އެ ޓާމިނަލުން ހިދުމަތްދޭ ފުރަތަމަ އެއާލައިނަށެވެ.
މި މުހިންމު ފެށުން ފާހަގަކުރުމުގެ ގޮތުން ޓާމިނަލް 1 ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން، އާ ޓާމިނަލަށް އައި ފިޓްސް އެއާގެ ފުރަތަމަ ފްލައިޓް 8ޑީ-921 އަށް ހޫނު މަރުހަބާއެއް ކިޔުމުގެ ގޮތުން 'ވޯޓާ ސެލިއުޓް' އެއް އަރުވާފައިވެއެވެ. އެ ފްލައިޓުން އައި 154 ފަސިންޖަރުންނަށް ދިވެހި ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައިވާއިރު، އާ ޓާމިނަލުން އެ އެއާލައިނުން ފުރި ފުރަތަމަ ފްލައިޓްގެ 71 ފަސިންޖަރުންނަށް ވަނީ ހާއްސަ ހަދިޔާތަކެއްވެސް ހަވާލުކޮށްފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފިޓްސް އެއާ ގުޅިގެން ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުޖުތަބާ ލަތީފު އާއި މުހައްމަދު ލަމްޢާން، އަދި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ފިޓްސް އެއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފިޓްސް ހޮލިޑޭސްގެ ޑިރެކްޓަރު އަނާހް ކާސިމް އާއި އެ އެއާލައިނުގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ހަސަން މަނިކެވެ.
Ads by BMLފިޓްސް އެއާ އަކީ 2022 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ބާއްވަމުން އަންނަ އެއާލައިނެކެވެ.
ފިޓްސް އެއާގެ އިތުރުން، ވީއައިއޭގެ އާ ޓާމިނަލުން މިހާރުވެސް ދަނީ ގައުމީ އެއާލައިން މޯލްޑިވިއަން، ޔޫއޭއީގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާ، އަދި ލަގްޒަރީ އެއާލައިން ބިއޮންޑަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
Ads by MACL
