ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިފާޢީ ދާއިރާއިން ރާއްޖެއާއި ތުރުކީގެ ގުޅުން ބަދަހިކުރަނީ

އެޑްމިރަލް ޔިލްޑްޒް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތް -- ފޮޓޯ: ރައީސް އޮފީސް
އެޑްމިރަލް ޔިލްޑްޒް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު، ޚާއްޞަކޮށް ދިފާޢީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމަކީ، އެޑްމިރަލް ޔިލްޑްޒް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެކެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއަށް ތުރުކީ ސަރުކާރުން ހަދިޔާކުރެއްވި މަނަވަރަށް ޝުކުރު އަދާކުރެއްވިއެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި މަނަވަރަކީ ހަމައެކަނި އަސްކަރީ އެހީއެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އަޚުވަންތަކަމާއި އިތުބާރުގެ ވަރުގަދަ ރަމްޒެއް ކަމަށެވެ.

މި ވާހަކަފުޅަށް ޖަވާބު ދެއްވަމުން އެޑްމިރަލް ޔިލްޑްޒް ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން، ޚާއްޞަކޮށް ކަނޑުގެ ސަލާމަތާއި ދިފާޢީ ދާއިރާއިން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ކުރިމަގުގައިވެސް ދެ ޤައުމުގެ ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.