މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބަންދުގައި ހުއްޓައި މަރުވެއްޖެ
މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، ތަހުގީގަށް ބަންދުކޮށްފައި ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިއަދު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ.
ފުލުހުން ބުނި ގޮތުގައި، މާލޭގައި ހުންނަ އަތޮޅުވެހީގައި ބަންދުކޮށްފައި ހުރި އަފްރާހު، އޭނާގެ ގޮޅި ތެރެއަށް ވެއްޓި ހަރަކާތް ހުއްޓިފައި އޮއްވާ ފެނުނީ މިއަދު ފަތިހު 5:50 ހާއިރުއެވެ. އެ ހިސާބުން ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވިފައެއް ނުވެއެވެ.
އަފްރާހު ތަހުގީގަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މީގެ އެންމެ ދުވަހެއް ކުރިން، އިއްޔެ މެންދުރެވެ. އޭނާ 30 ދުވަހަށް ބަންދުކުރަން އަމުރުކުރި އިރު، އޭނާއަކީ މަސްތުވާތަކެތީގެ އަވާގައި ޖެހި، އަވަސް ފަރުވާއަށް ބޭނުންވެފައިވާ މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
Ads by BMLމިދިޔަ ހުކުރު ދުވަހު އަފްރާހު ހައްޔަރުކުރުމަށްފަހު ފުލުހުން ހެދި ޓެސްޓުތަކުން، އޭނާ އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. އޭނާއަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑެއް އޮންނަ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން، ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ އެތެރޭގެ ތަހުގީގެއް ވެސް ހިންގަމުންނެވެ.
Ads by MACL
