ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

މިކާރިސާގައި އިމާރާތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި --- ފޮޓޯ: ރޮއިޓާސް
މިކާރިސާގައި އިމާރާތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި --- ފޮޓޯ: ރޮއިޓާސް

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ޚަބަރާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ގެއްލުން ލިބުނު އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ އަރިސްކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދަތި ވަގުތުގައި ދިވެހިރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި އެ ޤައުމުގެ "އަޚުވަންތަ" ރައްޔިތުންނާ އެކު ތިބިކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސްގެ މި ޕޯސްޓްގައި ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރު ވަނީ ޓެގް ކުރައްވާފައެވެ.