ބަންދުގައި ހުއްޓައި މަރުވި އަފްރާހުގެ އޮޓޮޕްސީއެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓާ މަރުވި، ގ. ޒަމީއާ، އަޙުމަދު އަފްރާހުގެ މަރުގެ ތަހުޤީޤު ފުރިހަމަކުރުމަށްޓަކައި އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ފުލުހުން ނިންމައިފިއެވެ. މި މަރުގެ ހާދިސާ ހިނގާފައިވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކުރިތާ އެއް ދުވަސް ފަހުންނެވެ.
އުމުރުން 48 އަހަރުގެ އަފްރާހު މަރުވެފައިވާކަން ކަށަވަރުވީ ރޭ ފަތިހުއެވެ. ފުލުހުން ބުނި ގޮތުގައި، އަތޮޅުވެހީގެ ގޮޅިއެއްގެ ތެރެއަށް ވެއްޓި، ހަރަކާތްތެރިނުވެ އޮއްވާ ފެނުމުން އޭނާ ވަގުތުން އައިޖީއެމްއެޗަށް ގެންދެވުނެވެ. ނަމަވެސް، ހޮސްޕިޓަލުން ވަނީ އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ބުނެފައެވެ.
އަފްރާހުއަކީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާ މަރުވުމުގެ އެއް ދުވަސްކުރިން، ކްރިމިނަލް ކޯޓުން ވަނީ ތަހުޤީޤަށްޓަކައި އޭނާގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފައެވެ.
Ads by BMLމިކުއްލި މަރާ ގުޅިގެން ފުލުހުންގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ދަނީ ތަހުޤީޤެއް ހިންގަމުންނެވެ. އަދި މި މައްސަލައިގެ މައުލޫމާތުތައް، ކަމާބެހޭ ދައުލަތުގެ މިނިވަން މުއައްސަސާތައް ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އޮޓޮޕްސީ ހަދާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
