ފުވައްމުލައް ސިޓީގެ ދަޑިމަގު ފަންނު ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ "5 މިލިއަން ގަސް އިންދުމުގެ" ޤައުމީ މަޝްރޫޢުގެ ދަށުން، ފުވައްމުލައް ސިޓީގައި ގަސް އިންދުމުގެ ކާމިޔާބު ހަރަކާތެއް ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތް ބާއްވާފައި ވަނީ އެ ސިޓީގެ ދަޑިމަގު ފަންނު ސަރަހައްދުގައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަކުގެ ޤުދުރަތީ ރީތިކަން އިތުރުކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުމެވެ.
މި ހަރަކާތުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، މިނިސްޓްރީގެ މަންދޫބުންނާއި ޢާންމުންގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. ބައިވެރިން ވަނީ އެ ސަރަހައްދުގެ ތިމާވެއްޓާ ގުޅޭ ތަފާތު ބާވަތްތަކުގެ ގަސްތައް އިންދާފައެވެ.
Ads by BMLފުވައްމުލައް ސިޓީ ކައުންސިލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ، ސަރުކާރުގެ މިފަދަ ޤައުމީ މަޝްރޫޢުތަކުގައި ފުވައްމުލަކުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، މި ހަރަކާތުގެ ސަބަބުން ދަޑިމަގު ފަންނު ސަރަހައްދުގެ ފެހިކަން އިތުރުވެ، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށެވެ.
ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ދަށުން، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އިފްތިތާޙް ކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގެ ފެހިކަން އިތުރުކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ރަށްރަށުގެ ރީތިކަން އިތުރުކޮށް ތިމާވެއްޓާ ރައްޓެހި މާޙައުލެއް ޤާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކާއި، ސްކޫލްތަކާއި، އަދި އަމިއްލަ ޖަމްޢިއްޔާތަކާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތްތައް ދަނީ މެދުކެނޑުމެއްނެތި ކުރިޔަށް ގެންދަމުންނެވެ. ފުވައްމުލަކުގައި ކުރިޔަށް ގެންދެވުނު މި ހަރަކާތަކީވެސް މި ޤައުމީ މަސައްކަތުގެ މުހިންމު ބައެކެވެ.
Ads by MACL
