މަތީ ސާނަވީއަށް ވަނުމުގެ ޝަރުތުތައް ދަށްކޮށް، ފުރުސަތު ފުޅާކޮށްފި
އެޑިއުކޭޝަން މިނިސްޓްރީން މަތީ ސާނަވީ ތައުލީމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ގްރޭޑް 11 އަށް ވަނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކަށް ބޮޑެތި ލުއިތަކެއް ދީފިއެވެ. މި ބަދަލާއެކު، ކުރިން އޮތް 5 މާއްދާއިން ފާސްވުމުގެ ޝަރުތު އުވާލައި، އެކަޑަމިކް، ވޮކޭޝަނަލް އަދި އެޕްރެންޓިޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތައުލީމު ހާސިލުކުރުމުގެ މަގު ވަނީ ފުޅާކޮށްފައެވެ.
އައު އުސޫލުގެ ދަށުން އެކަޑަމިކް ސްޓްރީމްތަކަށް ވަނުމަށް ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި، ދިވެހި ނުވަތަ އިސްލާމް ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މާއްދާއިން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން، ހިސާބު ނުވަތަ އިނގިރޭސި ފަދަ މައިގަނޑު މާއްދާއަކުން "ސީ" ފާސް ހޯދައި، ކިޔަވަން ބޭނުންވާ ސްޓްރީމާ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް) ގުޅުންހުރި ދެ މާއްދާއިން ފާސްވުމުން ވެސް ފުރުސަތު ލިބޭނެއެވެ.
އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ)ގެ ދަށުން ކިޔެވި ދަރިވަރުންނަށް އިތުރު ލުއި ގޮތެއް ހަމަޖައްސާފައިވާއިރު، އެ ކުދިން ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއަކުން "ސީ" ފާސް ލިބުމުން ފުދޭނެއެވެ.
Ads by BMLއެކަޑަމިކް ދާއިރާގެ އިތުރުން، ފަންނީ ތައުލީމާއި މަސައްކަތުގެ މާހައުލުގައި ތަމްރީނުވާން ބޭނުންވާ ދަރިވަރުންނަށް ވެސް ވަނީ ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިގޮތުން، ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، ސްކޫލު ޓިވެކް ކޯސް، އަދި އެޕްރެންޓިޝިޕް ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވަނީ ދެ ޝަރުތުންކުރެ އެއް ޝަރުތު ފުރިހަމަވުމެވެ. އެއީ، ލެވެލް 2 ގެ ޑިޕްލޮމާއެއް ނުވަތަ ޓިވެކް ކޯހަކުން "ފާސް" ވެފައިވުން، ނުވަތަ އޯ ލެވެލް އިމްތިހާނުގެ ކޮންމެވެސް ތިން މާއްދާއަކުން "ސީ" ފާސް ލިބިފައިވުމެވެ.
މިނިސްޓްރީން ބުނީ މި ފުރުސަތުތައް ދިނުމުގައި އެސްއެސްސީ، އައިޖީސީއެސްއީ، އޯ ލެވެލް އަދި ބީޓެކްގެ ނަތީޖާއަށް ބަލާނެ ކަމަށެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 18 އަހަރު ފުރިފައިނުވާ ދަރިވަރުންނަށް ކަމަށާއި، އައިސީޕީގެ ދަށުން ކިޔަވާ ކުދިންގެ އެޑްމިޝަނާ ގުޅޭ ކަންކަން މިނިސްޓްރީން ވަކިން ނިންމާނެ ކަމަށްވެސް މައުލޫމާތު ދެއެވެ.
Ads by MACL
