ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޯލެވެލް ނަތީޖާއަކީ ކިޔެވުމުގެ ހުރިހާ ދޮރެއް ބަންދުވާ ހިސާބެއް ނޫން: މިނިސްޓަރ ޝަފީޢު

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ---
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ---

އޯލެވެލް ނަތީޖާއަކީ ކިޔެވުމުގެ ހުރިހާ ދޮރެއް ބަންދުވާ ހިސާބެއް ނޫންކަމަށާއި، ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، މަތީ ތަޢުލީމުގެ ދޮރުތައް ހުޅުވިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ވެއްޖެއެވެ.

މިނިސްޓަރ ޝަފީޢު، ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހިތްވަރުދެއްވައި އުންމީދީ މެސެޖެއް ދެއްވައިފައި މިވަނީ މާދަމާ (އަންގާރަ) ދުވަހު އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. މިނިސްޓަރ ވަނީ އިމްތިހާނުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، މަތީ ތަޢުލީމުގެ ދޮރުތައް ހުޅުވިފައިވާކަން ހަނދާންކޮށްދެއްވާފައެވެ.


ފޭސްބުކް މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝަފީޢު ވިދާޅުވީ، އޯލެވެލް އިމްތިހާނަކީ ކިޔެވުމުގެ ދިގު ދަތުރުގެ އެއް ހުއްޓުން ކަމަށާއި، އެއީ އެ ދަތުރުގެ ނިމުމެއް ނޫން ކަމަށެވެ. އަދި ނަތީޖާ ރަނގަޅަސް ނުވަތަ އުންމީދުކުރި ވަރަށްވުރެ ދަށްވިޔަސް، ކިޔެވުން ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތް ހުންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މިނިސްޓަރގެ ޕޯސްޓުގައި ހިމަނާފައިވާ ކުރެހުމަކުން ދައްކާގޮތުގައި، މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށް ދަރިވަރުންނަށް މައިގަނޑު ތިން މަގެއް ޚިޔާރުކުރެވިދާނެއެވެ. އޭގެތެރޭގައި އޭލެވެލް އަށް ކިޔަވައިގެން ޔުނިވަރސިޓީއާ ހަމައަށް ދެވޭ "އެކެޑެމިކް ޕެތްވޭ" އާއި، ވަކި ފަންނަކަށް ނުވަތަ މަސައްކަތަކަށް ޚާއްސަވެގެން ކުރިއަށްދާ "ޓިވެޓް ޕެތްވޭ" އަދި ވަޒީފާއެއްގައި އުޅެމުން ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭ "ވޯކް-ބޭސްޑް އެޕްރެންޓިސްޝިޕް ޕެތްވޭ" ހިމެނެއެވެ.


އުންމީދުކުރި ފަދަ ނަތީޖާއެއް ނުލިބޭ ދަރިވަރުން މާޔޫސްނުވުމަށް ނަސޭހަތްތެރިވެވަޑައިގެން މިނިސްޓަރ ވިދާޅުވީ، އެފަދަ ދަރިވަރުންނަށް ވެސް ފައުންޑޭޝަން ޕްރޮގްރާމްތަކާއި އަލުން އިމްތިހާނު ހެދުން ފަދަ އެތައް ފުރުސަތެއް އެބަހުރި ކަމަށެވެ. އެންމެ މުހިންމު ކަމަކީ ކިޔެވުން ހުއްޓާނުލައި، ކޮންމެވެސް ދާއިރާއަކުން ކުރިއަށް ދިއުމަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރ ޝަފީޢު އިޝާރާތް ކުރެއްވިއެވެ.


މިނިސްޓަރ ޝަފީޢު ވަނީ ހުރިހާ ދަރިވަރުންނަށް ކާމިޔާބަށް އެދި ދުޢާ ކުރައްވާފައެވެ. ނަތީޖާގެ އިންތިޒާރުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިނިސްޓަރުގެ ފަރާތުން ލިބިގެންދިޔަ މި ހިތްވަރާއި ޔަގީންކަމުގެ މެސެޖަށް ގިނަ ބަޔަކު ދަނީ މަރުޙަބާ ކިޔަމުންނެވެ.