71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުން އެޗްޑީސީއާ ހަވާލުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ މުހިންމު މަޝްރޫޢުއެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއާއި އެޗްޑީސީއާ ދެމެދު ވަނީ މިއަދު ސޮއިކޮށްފައެވެ.
މިކަމަށްޓަކައި ހ. މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވުޒާރާގެ ފަރާތުން ސޮއިކުރެއްވި އިރު، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެޗްޑީސީއާ އަލަށް ހަވާލުކުރެވުނު 71 މަޝްރޫޢާއެކު، މިހާތަނަށް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައިވާ އައުޓްޑޯ ޖިމްގެ ޖުމްލަ ޢަދަދު ވަނީ 102 އަށް އަރާފައެވެ. މީގެ އިތުރުން އަމިއްލަ 7 ކުންފުންޏަކުން ވެސް އަންނަނީ އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި އިތުރު 41 ރަށެއްގައި ޖިމް ޤާއިމްކުރުމަށް ހަވާލުކުރެވޭނެއެވެ.
Ads by BMLސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކޮށް، ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ.
Ads by MACL
