މީޑިއާތައް ރަނގަޅަށް ރެގިއުލޭޓް ކުރެވެންޖެހޭ، ބިލުން މީޑިއާ ތަކަށް ބޮޑެތި ބާރުތަކެއް ލިބޭ!
މީޑިއާތައް ހަރުދަނާ އުސޫލަކުން ރެގިއުލޭޓްކޮށް، ޒިންމާދާރު ކުރުވުމުގެ މަގުސަދުގައި، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު، މީޑިއާތައް ހިންގުމާއި ބެލެހެއްޓުމަށް ބޮޑެތި ބާރުތަކެއް ލިބިދޭ އާ ކޮމިޝަނެއް އުފެއްދުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލް ފާސްވެއްޖެނަމަ، މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ ގާނޫނުތައް ބާތިލުވާނެއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ގެ ދަށުން އުފައްދާ މި އާ ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ތިން މެންބަރުންނާއި، މީޑިއާތަކުގެ ފަރާތުން އިންތިޚާބު ކުރާ ހަތަރު މެންބަރުން ހިމެނެއެވެ. ކޮމިޝަނުގެ ރައީސް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވާއިރު، ނައިބު ރައީސް ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
Ads by BMLމި ބިލުގައި މީޑިއާތަކާއި ނޫސްވެރިން ގާނޫނާ ޚިލާފުވެއްޖެނަމަ އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކޮމިޝަނުން އިސްލާހުކުރަން އަންގާ ކަމެއް، ދީފައިވާ މުއްދަތުގައި އިސްލާހު ނުކޮށްފިނަމަ 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބެއެވެ. މީގެ އިތުރުން، މީޑިއާއަކުން ގާނޫނާ ޚިލާފު ޢަމަލެއް ކޮށްފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
ޖޫރިމަނާގެ އިތުރުން މީޑިއާތައް ހިންގުން ހުއްޓުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދެއެވެ. ކޮމިޝަނުން މީޑިއާއެއްގެ މައްސަލައެއް ބަލަމުންދާއިރު، އެ މައްސަލަ ނިމުމުގެ ކުރިން ވަގުތީ ގޮތުން އެ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމާއި، ކޯޓު މަރުހަލާއަށް ފަހު ދާއިމީކޮށް ބާތިލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބެއެވެ. ހަމައެއާއެކު، މައްސަލައެއް ބެލުމުގެ ތެރޭގައި ވެބްސައިޓެއް ބްލޮކް ކުރުމާއި، ޓީވީ ނުވަތަ ރޭޑިއޯ ސްޓޭޝަނެއްގެ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިދެއެވެ.
Ads by MACL
