63 ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި
ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިކަން ރަސްމީވީ، ކުޅިވަރާ ބެހޭ ވުޒާރާއާއި އެމްއޭސީއެލްއާ ދެމެދު އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ.
ހ. މީރުމާގައި ބޭއްވި މި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވިގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ރައީސް ވެވަޑައިގެންފައިވާ މި މުހިންމު ވައުދުފުޅު ފުއްދުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު ޝަރަފެކެވެ.
Ads by BMLސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 87 ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ.
Ads by MACL
