ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނާޒިމް އިދިކޮޅު މެމްބަރުންނަށް ޒާތަކަށް ބަވާލައިފި، ކިތަންމެ ހަޅޭއްލެވިޔަސް ތިތިބީ ބޭރުކޮށްފައި!

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް -- ފޮޓޯ: މަޖިލިސް

މީޑިއާގެ މިނިވަންކަން ހަނިކުރާ ކަމަށް ބުނާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް' އަށް ބަހުސްކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް، އިދިކޮޅު މެމްބަރުންނަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް މިއަދު ރައްދުކުރައްވައިފިއެވެ.

އިދިކޮޅު މެމްބަރުން މަޖިލިސް ތަޅުމުގައި އަޑުގަދަކުރައްވަމުން ގެންދަވަނިކޮށް ނާޒިމް ވިދާޅުވީ، ކިތަންމެ ހަޅޭއްލެވިޔަސް ރައްޔިތުންގެ މެޖޯރިޓީ ލިބިވަޑައިގެންފައި ނުވާ ކަމަށާއި، ރައްޔިތުން އެ ބޭފުޅުން މަޖިލީހުން ބޭރުކޮށްފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ބިލް އެކުލަވާލުމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ގިނަ ރިސާޗްތަކެއް ކުރެއްވި ކަމަށެވެ. ނާޒިމްގެ ވާހަކަފުޅުގެ ތެރެއިން އިދިކޮޅު މެމްބަރުން އަޑުގަދަކުރެއްވުމުން، ނާޒިމް ވަނީ އެ ބޭފުޅުންނަށް އިޝާރާތް ކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ކިތަންމެ ހަޅޭއްލެވިޔަސް، ރައްޔިތުންގެ މެޖޯރިޓީގެ މަތީގައި އަޅުގަނޑުމެން މިތިބީ، ރައްޔިތުން މިތަނުން ބޭރުކޮށްފައި ތިބޭފުޅުން ތިތިބީ، ކޮން ހަޅޭކެއްތޯ ތިލައްވަނީ، ލެވޭކަށް ނޯންނާނެ." ނާޒިމް ޖަޒުބާތުގައި ވިދާޅުވިއެވެ.

މި ބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ނަމަވެސް، އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި މީގެ އަޑީގައި ވަނީ ސަރުކާރެވެ. މީގެ ކުރިންވެސް ހަމަ މިފަދަ ބިލެއް ހުށަހެޅުމަށްފަހު ފާޑުކިޔުންތައް އަމާޒުވުމުން ހަންނާން ވަނީ އެ ބިލް އަނބުރާ ގެންދަވާފައެވެ.

ނާޒިމް ވިދާޅުވީ، ކުރީގެ ބިލް އަނބުރާ ގެންދެވުމުން، މިފަހަރުގެ ބިލް ތައްޔާރުކުރުމުގައި އޭރު އެކަމަށް އިއުތިރާޒުކުރި މީޑިއާތަކުގެ ބޭފުޅުންނާވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ބިލްގެ ކޮމިޓީ މަރުހަލާގައި މީޑިއާތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، އެންމެންނަށް އެއްބަސްވެވޭ ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށްވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މަހުޖަނުންނާއި ފައިސާވެރިން ބޭނުންވާ ގޮތަކަށް ސުރުޚީ ޖަހައިދޭ މަންޒަރު ފެންނަ ކަމަށާއި، މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ސަރުކާރުން ވަނީ މި ބިލަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ބިލުގެ ސަބަބުން މީޑިއާގެ މިނިވަންކަން ކަށަވަރުވެ، މީޑިއާތައް ބާރުވެރިކުރުވުމަށް މަގުފަހިވާނެ ކަމަށެވެ.

ނަމަވެސް މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި އިދިކޮޅު އެމްޑީޕީން ވަނީ މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ، ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.