ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ 0.1 އިންސައްތަ: ސަރުކާރުން އުސޫލު ގެޒެޓްކޮށްފި

އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ 0.1 އިންސައްތަ: ސަރުކާރުން އުސޫލު ގެޒެޓްކޮށްފި

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން އަންދާޒާކުރާ ރެވެނިއުގެ 0.1 އިންސައްތަ މާލީ އެހީގެ ގޮތުގައި ދޫކުރުމަށްޓަކައި، ސަރުކާރުން ވަނީ ޚާއްޞަ އުޞޫލެއް އެކުލަވާލައި މިއަދު ގެޒެޓްކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިފަދަ އުޞޫލެއް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދެއް ފުއްދެވުމުގެ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

މި އުޞޫލު އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރާއްޖޭގެ މީޑިއާތަކާއެކު "މީޑިއާ ގުންޒަރު"ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ މީޑިއާތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވައި، މީޑިއާތައް ބާރުވެރިކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ޚާއްޞަ ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަދު ގެޒެޓްކުރެވުނު އުޞޫލުގެ ދަށުން، ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން، ހިލޭ އެހީ އާއި އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމުން ލިބޭނެ ފައިސާ ފަދަ ޚާއްޞަ ފައިސާ ނުހިމަނައި، ބާކީ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތަ އަމިއްލަ މީޑިއާތަކަށް ދޫކުރާނެއެވެ. މި އުޞޫލުގެ މައިގަނޑު މަޤްޞަދަކީ މީޑިއާތަކަށް މާލީ އެހީ ދިނުމުގައި ދެފުށްފެންނަ، ޒިންމާދާރު ނިޒާމެއް ޤާއިމުކުރުމެވެ.

މި އުޞޫލު ގެޒެޓްކުރުމާއެކު، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން އެހީ ހޯދުމަށް ކުރިމަތިލުމުގެ ފުރުޞަތު ހަރުދަނާ އުޞޫލެއްގެ ތެރެއިން ހުޅުވިގެންދާނެއެވެ.