ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާފަރު ފަޅު ފެރިދޫގެ އިޚްތިޞާޞަށް ރައީސް އިތުރުކޮށްދެއްވައިފި

މާފަރު ފަޅު ފެރިދޫގެ އިޚްތިޞާޞަށް ރައީސް އިތުރުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާފަރު ފަޅަކީ އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ އިޚްތިޞާޞްގެ ދަށުގައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވައިފިއެވެ. ފެރިދޫ ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސްދެއްވަމުން، އެ މަނިކުފާނު މިކަން ހާމަކުރެއްވީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ނިންމެވުމުގެ ސަބަބުން، ފަތުރުވެރިކަމަށް ބަރޯސާވާ ފެރިދޫގެ އިޤްތިޞާދަށް އާ ދިރުމެއް ގެނެސްދީ، ރަށަށް އާމްދަނީ ހޯދޭނެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ފަޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި، ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމާއި ދޯނި އެހެލާ ސަރަޙައްދެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ފެރިދޫގެ ތަރައްޤީއަށް އިތުރު ދެ މަޝްރޫޢެއްގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ. އެއީ، އއ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލެއް ޤާއިމުކުރުމާއި، ފެރިދޫ ޞިއްޙީ މަރުކަޒުގައި އެކްސްޓެންޝަން ޢިމާރާތެއް އެޅުމުގެ މަޝްރޫޢެވެ. ސްކޫލްގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން ދެއްވަމުން، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ރަށުގެ މަގު ހެދުމާއި، ނެރުގެ މައްސަލަ ޙައްލުކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ފުޓުބޯޅަ ދަނޑު ނިންމުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމް ޤާއިމުކުރުންވެސް މި އަހަރުގެ ތާވަލުގައި ހިމެނެއެވެ.

ރަށުގައި ޤާއިމުކުރާ މިސްކިތުގެ ބިން ކަނޑައެޅުމުގައި އުފެދިފައިވާ ޚިލާފު ނައްތާލުމަށް، ރައްޔިތުންގެ ވޯޓަކުން ގޮތެއް ނިންމުމަށްފަހު، އެ މަސައްކަތްވެސް އަވަސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފެރިދޫގެ އަމަންއަމާންކަން ބެލެހެއްޓެވުމަށް، ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވާފައިވާއިރު، ޢިމާރާތް ނިމެންދެންވެސް ރަށުގައި ތިބޭނެ ތިން ފުލުހަކު މި ހަފުތާ ތެރޭގައި ފޮނުއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުން އެދޭ ކަންކަން، އެމީހުން އެދޭ ގޮތަށް ފުއްދައިދިނުން ކަމަށެވެ.