މާމިގިލީ ފަތުރުވެރިކަން ކުރިއެރުވުމަށް ގާސިމްގެ ބޯޓެއް 'ޝިޕްރެކް' އަކަށް!
އދ. މާމިގިލީގައި ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަށާއި، ރަށުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ މަގުސަދުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ނިސްބަތްވާ ބޯޓެއް އެ ރަށު ކައިރިއަށް ފައްތައި، 'ޝިޕްރެކް'އެއްގެ ގޮތުގައި ހަދައިފިއެވެ.
މާމިގިލީ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި، އިއްޔެ ފެއްތި މި ބޯޓަކީ ހުރިހާ އެންމެންނަށް ވެސް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލާފައިވާ ތަނެކެވެ. ރަށުގައި މިހާރު ހިންގާ ހަތް ގެސްޓްހައުސް ފުރިބާރުވެފައިވާއިރު، މިފަދަ އާ ހަރަކާތްތަކާއެކު މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ޒުވާނުން މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝިޕްރެކްތަކުގެ މަގުބޫލުކަން ބިނާވެފައި އޮންނަނީ އޭގެ ވަށައިގެން އުފެދޭ ދިރުންތަކާއި މުރަކައިގެ މައްޗަށެވެ. އެގޮތުން، ޑައިވަރުންނާ ހަވާލާދީ ކައުންސިލުން ބުނީ، މި ބޯޓުގައި އެއް މަސް ދުވަސް ތެރޭގައި ގުދުރަތީ ގޮތުން މުރަކަ ހެދޭނެ ކަމަށް ބެލެވޭ ކަމަށާއި، އެކަން އަވަސްކުރުމަށް މުރަކަ އިންދުމުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ.
Ads by BMLފާހަގަކޮށްލަންޖެހޭ ކަމަކީ، މި ބޯޓު ފައްތާލުމުގެ އެންމެ ދުވަހެއް ކުރިން، އޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާ ހިނގީ ގާސިމްގެ ވިލާ ޝިޕިން ކުންފުންޏަށް ނިސްބަތްވާ 'ވިލު ބުރު' ނަމަކަށް ކިޔާ މި ބޯޓު، އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވުމުން ގޭސް ކަޓަރެއް ބޭނުންކޮށްގެން އެއިން ބައެއް ކަފަނިކޮށެވެ.
ރާއްޖޭގައި ޝިޕްރެކް ޑައިވިންއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް އޮންނަ ހަރަކާތެކެވެ. އެގޮތުން، ވ. ކެޔޮދޫ ބޭރުގައި އޮންނަ ޝިޕްރެކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތައް ބަޔަކު ޒިޔާރަތްކުރި ތަނެއް ނަމަވެސް، އެތަނުގައި އޮތް ބޯޓް މިދޭތެރެއަކުން ގަދަވެގެން އޮޔާދިޔުމުން އެތަނުގައި މިހާރު ޝިޕްރެކެއް ނެތެވެ.
Ads by MACL
