ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަތިވެރި އެއާޕޯޓް މަޝްރޫއު އެމްއޭސީއެލްއަށް: މަތިވެރީ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް!

އެއާޕޯޓް މަޝްރޫޢު އިފްތިތާޙް ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފިސް
އެއާޕޯޓް މަޝްރޫޢު އިފްތިތާޙް ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފިސް

އއ. މަތިވެރީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ ރައީސްގެ ރިޔާސީ ވައުދުފުޅު ހަގީގަތަކަށް ހެދުމުގެ ގޮތުން، އެ މަޝްރޫއު ހިންގުން ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މަތިވެރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލް މުހައިމިންއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މިއީ އެމަނިކުފާނުގެ މުހިންމު ވައުދުފުޅެއްކަން ފާހަގަކުރައްވައި، މަޝްރޫއު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި މިއީ ފުރިހަމައަށް ދެކޮޅުޖެހޭނެ، އަދި މުޅި ސަރަހައްދުގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ މަޝްރޫއެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، މަތިވެރީ އެއާޕޯޓަށް އިންވެސްޓްކޮށް، ޑިޒައިންކުރުމާއި، ތަރައްގީކޮށް ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އެމްއޭސީއެލް އިންނެވެ. މި މަޝްރޫއުގެ ފާހަގަކޮށްލެވޭ އެއް ބަޔަކީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އިތުރުން، މަތިވެރި ރައްޔިތުންގެ ބޯހިޔާވަހިކަމާއި އެހެނިހެން ބޭނުންތަކަށް 26.5 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައިދިނުމަށް ހަމަޖެހިފައިވުމެވެ.

މި މަޝްރޫއަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް މިހާރުވެސް ވަނީ ފެށިފައެވެ. އެގޮތުން، އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، މަޝްރޫއުގެ ބިމުގެ ސާވޭކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ.