"ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް" މުބާރާތް ރައީސް ފައްޓަވައިދެއްވައިފި
ޓޭބަލް ޓެނިސްގެ ވެޓަރަން ކުޅުންތެރިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތް، "ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް"، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އއ. ތޮއްޑޫގައި އިފުތިތާޙް ކޮށްދެއްވައިފި އެވެ. ރައީސް މި މުބާރާތް ފައްޓަވައިދެއްވީ، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މުބާރާތަކީ ޓީޓީގެ ލެޖެންޑް އަދި ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ލަތީފު (ސީވީޑް) އިސްކޮށް ހުންނަވައި، އޭނާގެ "އިހާ އެކަޑަމީ" އާއި ތޮއްޑޫ ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަތީފު ވިދާޅުވީ، ރައީސް މުއިއްޒު މި ހަފުލާ ޝަރަފުވެރިކޮށްދެއްވުމަކީ ދިވެހި ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަން ހާމަވާ ކަމެއް ކަމަށާއި، މި މުބާރާތް ކޮންމެ އަހަރަކު ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި މުބާރާތުގައި 17 ގައުމަކުން ޖުމުލަ 75 ކުޅުންތެރިން ބައިވެރިވެއެވެ. ބައިވެރިންގެ ތެރޭގައި ދުނިޔޭގެ މުބާރާތްތަކާއި، ބައްރުތަކާއި ސަރަޙައްދީ މުބާރާތްތަކުގެ ޗެމްޕިއަނުންގެ އިތުރުން އެކި ގައުމުތަކުގެ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިން ހިމެނެއެވެ. މުބާރާތުގައި ވާދަކުރަނީ އުމުރުން 35 އަހަރާއި 75 އަހަރާ ދެމެދުގެ ވެޓަރަން ކުޅުންތެރިންނެވެ.
Ads by BMLމި ހަފުލާގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، މިއީ މާލެއިން ބޭރު ރަށެއްގައި ވެސް ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތެއް ބޭއްވިދާނެކަމުގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި އަތޮޅުތަކުގައި މިފަދަ އިވެންޓްތައް ބޭއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ތޮއްޑޫ ސްކޫލް ހޯލުގައި މިއަދުން ފެށިގެން ކުރިއަށްދާ މި މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
Ads by MACL
