މާޅޮހުގައި މަރާލި އަބްދުއްރަހްމާންގެ މައްސަލަ: ތުހުމަތުކުރެވޭ 3 މީހަކު ހައްޔަރަށް!
އއ. މާޅޮހުގައި، އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ހަމަލާއެއް ދިނުމަށްފަހު މަރާލި އަބްދުއްރަހްމާން އާދަމް (65އ) ގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިކަން ކަށަވަރުކޮށްދިން ނަމަވެސް، ހައްޔަރުކުރި މީހުންގެ އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަބްދުއްރަހްމާނަށް ލިބުނު ޒަޚަމްތަކާ އެކު، އެ ރޭ ދަންވަރު 1:50 ހާއިރު މާޅޮހު ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް ފަރުވާ ދެމުން ދަނިކޮށް، ފަތިހުގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފައެވެ. މި މައްސަލައާ ގުޅިގެން ހެދި އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އޭނާ މަރުވެފައިވަނީ ބޮލަށް ދިން ހަމަލާއަކުން ލިބުނު ސީރިއަސް އަނިޔާތަކެއްގެ ސަބަބުންނެވެ.
އަބްދުއްރަހްމާންގެ ދަރިފުޅު އަހްމަދު ނިމާލު ބުނި ގޮތުގައި، އޭނާގެ ބައްޕައަކީ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައިވާ، ނުވަތަ އެފަދަ ރުޅިވެރިކަމެއް އޮންނާނެ ފަދަ މީހެއް ނޫން ކަމުން، މި ހަމަލާ ލިބުމަކީ މުޅި އާއިލާއަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ. އާންމުކޮށް ބައްޕައާއި މަންމަ އެކުގައި ނިދި ނަމަވެސް، ހާދިސާ ހިނގި ރޭ ދެމީހުން ނިދަން އޮތީ ވަކި ދެ ކޮޓަރީގައި ކަމަށް ނިމާލު ފާހަގަކުރިއެވެ. އޭނާގެ މަންމަ، ނާޒިމާއަށް ހޭލެވުނީ މީހަކު ބާރަށް ދުވެފައި ދާ އަޑަށެވެ. އަދި ކޮޓަރިން ނުކުމެ ބެލިއިރު ގޭގެ ދޮރު ހުރީ ހުޅުވާލާފައެވެ.
Ads by BMLމާޅޮހުގެ ރައްޔިތުން ވެސް ބުނާ ގޮތުގައި އަބްދުއްރަހްމާނަކީ އާންމު، އާދައިގެ ދިރިއުޅުމެއް އުޅެމުން އައި، އެންމެންނާ ގުޅޭ މީހެކެވެ. އެހެންކަމުން، އޭނާއަށް މިފަދަ ރަހުމުކުޑަ ހަމަލާއެއް ދޭންޖެހޭ ވަރުގެ ޒާތީ ކަމެއް ނުވަތަ ނަފުރަތެއް އޮންނާނެ މީހަކު ހުންނާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް އެ ރަށު މީހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by MACL
