ޒަމާނީ ފެންވަރަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް 144 މިލިއަން ރުފިޔާގެ މަޝްރޫޢެއް!
މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދީ، މަގުތައް ޒަމާނީ ފެންވަރަކަށް ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އެއީ 144 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަޅި 4 ލޭނަށް ފުޅާކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޢިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ، ދަތުރުފަތުރުގެ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، މަގުތައް ޒަމާނީ ވުމުން މާލެއަކީ ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި، ހިތްފަސޭހަ މާޙައުލަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތައް އެންމެ ކުޑަވާނެހެން މަސައްކަތް ރާވާފައިވާކަން ފާހަގަކުރައްވާ، ވަޒީރު ވަނީ ޢާންމުންގެ ފަރާތުން މުހިއްމު އިލްތިމާސެއް ކުރައްވާފައެވެ. "އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް، މިމަސައްކަތް ކުރުމަށް މިހޭދަވާ މުއްދަތުގެ ތެރޭގައި ޢާންމުންގެ ފަރާތުން ސަރުކާރަށާއި އަދި ކޮންޓްރެކްޓަރަށް އެއްބާރުލުން ދެއްވުމަކީ،" ވަޒީރު ވިދާޅުވިއެވެ.
Ads by BMLތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 830 މީޓަރުގެ މަގު ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ޖެހުމާއި، ތާރު އަޅައި ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ޚާއްސަ ލޭނެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކޮށް، ޑްރެއިނޭޖް ލައިން އެޅުމާއި، މަގުބައްތި އާއި މަގުމަތީ ނިޝާންތައް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 15 މަސް ދުވަހުގެ މުއްދަތެކެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި މަޝްރޫޢަކީ މާލެ ތަރައްޤީކޮށް އާބާތުރަ ފިލުވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ ސިލްސިލާއެއްގެ ބައެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރަސްފަންނު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހި އާއި ޖުމްހޫރީ މައިދާން ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، ސަލްޓަން ޕާކުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.
Ads by MACL
