ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު ރައީސް ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ފަންނުވެރިކަމާއި އީޖާދީ މަސައްކަތްތަކަށް ޤާނޫނީ ޙިމާޔަތްދީ، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން އުފައްދާ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ޤާއިމުކުރުމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ މާޙައުލުގައި އީޖާދީ ވިސްނުމަށް ހިތްވަރުދިނުމެވެ.

މި ޤާނޫނުގެ ދަށުން އަލަށް އުފެދޭ އޮފީހަކީ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރާ ވުޒާރާގެ ދަށުން ހިނގާނެ އިދާރާއެކެވެ. މި އޮފީހުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވާނީ "ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ" އެވެ. ޤާނޫނުގައި ރަޖިސްޓްރާރ ޢައްޔަނުކުރުމާއި ވަކިކުރުމުގެ އުސޫލުތަކާއި، އޭނާގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތައް ވަރަށް ތަފްޞީލީކޮށް ބަޔާންކޮށްފައިވެއެވެ.

ރަޖިސްޓްރާރގެ ބާރުތަކުގެ އިތުރުން، އޮފީހުގެ އިދާރީ އޮނިގަނޑާއި މުވައްޒަފުންނާ ގުޅޭ ކަންކަމާއި، ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތައް ވެސް މި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. އަދި ޤާނޫނުގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުންތަކާމެދު ހިތްހަމަނުޖެހޭނަމަ ޢަމަލުކުރާނެ އިޖުރާއަތުތައް ވެސް ހިމަނާފައިވެއެވެ.

ޤާނޫނު ނަންބަރު 2025/13 ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މި ބިލަކީ، މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލެކެވެ. ޤާނޫނު ގެޒެޓްގައި ޝާއިޢުކުރުމާއެކު، ޢަމަލުކުރަން ފަށާނީ އަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.