ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާޅޮހު މަރުގެ ތުހުމަތު: ދެ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާޅޮހު މަރުގެ ތުހުމަތު: ދެ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އއ. މާޅޮހުގައި ހިނގި މާރާމާރީއެއްގައި މަރުވި އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް (65އ) ގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު، ޝަރީއަތުގެтукޮޅުން ކޮޅަކަށް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ތިންވަނަ މީހާއަށް ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މާޅޮހު ލިލީފެހި، މުހައްމަދު ވިޝާމް (22އ) އާއި، އެރަށު ފިނިވާގޭ، އަހުމަދު ފާރިސް (27އ) ގެ އިތުރުން ފިޔާ، އަހުމަދު އާޝިދު (27އ) އެވެ. މީގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، ފަސް ދުވަހުގެ މުއްދަތު ދީފައިވަނީ މާލެއިން ހައްޔަރުކުރި އާޝިދަށެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭގައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އަބްދުއްރަހުމާނަށް ހަމަލާދީފައި ވަނީ އޭނާ ސިހުރު ހަދާކަމަށް ތުހުމަތުކޮށެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގަށް ފުލުހުން އަދި އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި ދިގު މުއްދަތަކަށް ބަންދުކޮށްފައިވާ ފާރިސްއަކީ ފެނަކަ ކޯޕަރޭޝަންގެ މާޅޮހު ފެން ޕްލާންޓުގެ އޮޕަރޭޓަރެކެވެ. އަދި އޭނާ މަސައްކަތްކުރާ ސަރަހައްދަކީ މަރާލާފައިވާ އަބްދުއްރަހުމާންގެ ގެ ފެންނަ ހިސާބެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.