ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޔާމީންގެ "ކުކުޅު ކޮށި" ތަމްސީލަށް ފަލާހުގެ ރައްދު: "12 މެމްބަރުން މަގުމަތި ކުރީ ކާކު؟"

ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ---
ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ---

ޕީއެންސީގެ މެމްބަރުންނަކީ "ކުކުޅު ކޮށްޓަކަށް އަޅާ ކާނާ" ކަހަލަ ބައެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތަކަށް ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. ފަލާހު ވަނީ ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ވަކިވި މަޖިލީހުގެ 12 މެމްބަރަކު "މަގުމަތިކޮށް" ތިން އަހަރު ދުވަހު ނިކަމެތިކަން ދެއްވިކަން ހަނދާންކޮށްދެއްވާފަ އެވެ.

ރޭ މާލޭގައި ޕީއެންއެފުން ބޭއްވި "ވޭކްއަޕް" ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީން ވަނީ ޕީއެންސީގެ މެމްބަރުން އިންސާނީ ކަރާމާތް ވެއްޔާ މޮޑެ، ފައިސާއަށްޓަކައި ނަފުސާއި ރައްޔިތުން ވިއްކާލާފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީ މެމްބަރުންނާއި ކުކުޅު ކޮށްޓަށް އަޅާ ކާނާއާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާމީނަށް ވުރެ ބޮޑަށް މަޖިލިސް މެމްބަރުން ނިކަމެތިކުރި އެހެން ވެރިއަކު ނެތް ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގައި ދައުލަތުން "ވަގަށް ނަގާފައިވާ" އެތައް ސަތޭކަ މިލިއަން ރުފިޔާއެއް، ހަލާލު ފައިސާއަށް ބަދަލުކުރެވިދާނެ ކަމަށް ހީފުޅުނުކުރެއްވުމަށް ވެސް ފަލާހު ގޮވާލެއްވި އެވެ. އޭގެ އިތުރުން، ޕީއެންއެފްގެ ޖަލްސާއަށް މީހުން ވެއްދީ ބޮލަކަށް 1,200 ރުފިޔާ ދީގެން ކަމަށާއި، އޭގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީން ކަމަށް ވެސް ފަލާހު ތުހުމަތުކުރެއްވި އެވެ.

"ޔާމީން ހަނދާނަށް ނާންނަނީބާ ވެރިקަމުގައި 18 ވަނަ މަޖިލީހުގައި މެމްބަރުންނާ މެދު ކަންތައް ކުރި ގޮތުން ޕީޕީއެމްގެ 12 މެމްބަރުން ތިން އަހަރު މަގުމަތީ ގަނަތެޅުވިކަން،" ފަލާހު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި-ޑިފެކްޝަން ގާނޫނެއް ފާސްކުރި އެވެ. އެ ގާނޫނުގެ ދަށުން ޕީޕީއެމުން އަމިއްލައަށް ވަކިވި 9 މެމްބަރަކާއި، ޕާޓީން ވަކިކުރި ތިން މެމްބަރެއްގެ ގޮނޑި ގެއްލުނެވެ. އެއީ އިލްހާމް އަހްމަދު، އަބްދުﷲ ސިނާން، އަބްދުއްލަތީފް މުހައްމަދު، ހުސައިން ޝަހުދީ، މުހައްމަދު އަބްދުﷲ، ސައުދުﷲ ހިލްމީ، އަބްދުﷲ އަހްމަދު، މުހައްމަދު މުސްތޮފާ، އަލީ ޝާހު، މުހައްމަދު ވަހީދު، ސައުދު ހުސައިން އަދި މުހައްމަދު އަމީތެވެ.

ފަލާހު ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މެމްބަރުންނަށް ފުރިހަމަ މިނިވަންކަން ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޔާމީންގެ ވެރިކަމާ އަޅާކިޔުއްވާފަ އެވެ. އޭނާ ވިދާޅުވީ 20 ވަނަ މަޖިލީހުން ފާސްކުރާ ގާނޫނެއް ގޯސްވެގެން، ކުރި އަށް އަންނަ މަޖިލީހަކުން ބަދަލުކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ރައީސް މުއިއްޒު މި ގައުމުގެ ރައްޔިތުންގެ ހެވާލާބައަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޔާމީނު ފަދަ މި ގައުމުގެ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރިއެއްގެ ވާހަކަތަކުން ކުޑަ ވެސް ބަދަލެއް ނާންނާނެ،" ފަލާހު ވިދާޅުވި އެވެ.