ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުތީމު ރައްޔިތުންގެ 500 އަހަރުގެ ޚިދުމަތް: ޤައުމީ ދުވަހު ޚާއްޞަ ޝަރަފެއް އަރުވަނީ

އުތީމުގައި ހުންނަ އުތީމު ގަނޑުވަރު ---
އުތީމުގައި ހުންނަ އުތީމު ގަނޑުވަރު ---

މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ތިލަދުންމަތީ އުތުރުބުރީ އުތީމުގެ ރައްޔިތުންނަށް "ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު" އެރުވުމަށް ހަމަޖައްސައިފިއެވެ.

މި ޝަރަފު އެ ރަށުގެ ރައްޔިތުންނަށް އަރުވަނީ، ދިވެހިރާއްޖޭގެ އެންމެ އަގުހުރި އެއް ތަރިކަ ކަމަށްވާ އުތީމު ގަނޑުވަރު، ގާތްގަނޑަކަށް 500 އަހަރު ވަންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އެ ރައްޔިތުން އަދާކޮށްފައިވާ ތާރީޚީ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ޝަރަފު އުތީމު ރައްޔިތުންނަށް އެރުވުމަށް ކަނޑައެޅުއްވީ، އެ ޤައުމީ ތަރިކަ ރައްކާތެރިކުރުމަށް ޖީލުތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން ދެމުން އައި ބެލެހެއްޓުންތެރިކަމާއި، އެކަމަށް ދެއްވި އަހައްމިއްޔަތު ފާހަގަކުރައްވައި، ސަރުކާރުގެ ފަރާތުން އެކަމަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ.

މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި އުތީމުގައި ބާއްވާ ޤައުމީ ދުވަހުގެ ޚާއްޞަ ޖަލްސާގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް އަރުވާއިރު، އޭގެތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅެއްގެ ހަނދާނުގައެވެ. މީގެ އިތުރުން، 9 ބޭފުޅަކަށާއި ކުންފުންޏަކަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާނެއެވެ.

މި އިނާމުތަކަށް ބޭފުޅުން ހޮއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައާއި ބެޖު އަދި ހަނދާނީ ލިޔުމެއް ދެއްވާއިރު، ހިތްވަރު ދިނުމުގެ އިނާމުގެ ގޮތުގައި ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.