ގައުމީ ދުވަހުގެ ފަޚުރުގައި، އެމްއެންޑީއެފްގެ "ޝަރަފުގެ ހިނގާލުން" މާދަމާ
މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން، އުތީމު ބަންޑާރައިން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންކުރެއްވިކަމުގެ ޒިކުރާ އައުކުރުމުގެ ގޮތުން، ދިވެހި އަސްކަރިއްޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިންތިޒާމްކުރާ "ޝަރަފުގެ ހިނގާލުން" މާދަމާ މާލޭގެ މަގުތަކުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިންނެވެ. ހިނގާލުމުގެ ބައިވެރިންގެ މަންޒިލަކަށް ހަމަޖައްސާފައިވަނީ ކަޅުތުއްކަލާކޮށްޓެވެ.
މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު މާލޭގެ ހަތަރު ސަރަހައްދަކަށް މަޑުކުރާނެއެވެ. އެއީ:
Ads by BML-
ސޯސަންމަގުގައި ހުންނަ ދިވެހިބަހުގެ އެކެޑަމީ ސަރަހައްދު
-
މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި
-
މަޖީދީމަގުގައި ހުންނަ މިލިޔަން ބުކްޝޮޕް ކައިރި
-
ބޮޑުތަކުރުފާނުމަގުގައިވާ ކަޅުތުއްކަލާ ކޮށީގެ ހުޅަނގު އުތުރު ކަންމަތި
މަޑުކުރާ ހުރިހާ ސަރަހައްދެއްގައި ވެސް ސިފައިންގެ މިލިޓަރީ ބޭންޑުން ހާއްސަ ރާގުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ދިވެހިން ފާހަގަކުރަމުން އަންނަނީ، 15 އަހަރާއި ހަ މަސް ދުވަހުގެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންވުމުގެ ޝުކުރުވެރިކަމުގެ ގޮތުން ފާހަގަކުރާ ގައުމީ ދުވަހުގެ ގޮތުގައި ކަމެވެ.
Ads by MACL
