މަސްވެރިކަން ރަނގަޅުވެ މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާ ރެކޯޑް އަދަދަކަށް!
މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސް ކިރުވާ މިންވަރު އިތުރުވުމާ އެކު، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު އެއް ހަފުތާ ތެރޭ 50 އިންސައްތަ މައްޗަށް ޖެހިލައިފި އެވެ.
މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި ނިމިގެންދިޔަ ހަފުތާގައި 240 ދޯންޏަކަށް ޖުމްލަ 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު، 3.4 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. ކުރީ ހަފުތާގައި 165 ދޯންޏަކަށް ދޫކޮށްފައިވަނީ 6.7 މިލިއަން ރުފިޔާއެވެ.
މަސްވެރިކަމުގެ ރަނގަޅު މޫސުމާ ގުޅިގެން މަސްކިރުވާ ދޯނިތަކުގެ އަދަދުވެސް އަންނަނީ ހަފުތާއަކަށްވުރެ ހަފުތާއެއް އިތުރުވަމުންނެވެ. މި މަހުގެ ފުރަތަމަ ހަފުތާގައި އެންމެ 80 ދޯނި މަސް ކިރުވާފައިވާއިރު، މިހާތަނަށް މިމަހުގެ ތެރޭގައި 529 ދޯންޏަކުން ވަނީ މިފްކޯއަށް މަސް ކިރުވާފައެވެ. އެ ދޯނިތަކަށް ޖުމްލަ 20.24 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވެއެވެ.
Ads by BMLމަސްވެރިންނަށް ފައިސާ ލިބުން ލަސްވުމަކީ، ކުރިން އެ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ނަމަވެސް، މަސް ކިރުވާތާ 24 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން ފެށި އައު އިންތިޒާމުގެ ސަބަބުން މި މައްސަލައަށް ވަނީ ހައްލެއް ލިބިފައެވެ. މިހާ ގިނަ އަދަދެއްގެ ދޯނިފަހަރުން މަސް ކިރުވަމުންދާއިރުވެސް، ފައިސާ ދޫކުރުމުގައި ލަހެއް ނުވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
Ads by MACL
