އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ފޭރެންއުޅުނު މީހާ، ޗޮކްލެޓެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފި
އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ފޭރުން ފަދަ ބޮޑެތި ކުށްތަކުގެ ދިގު ރެކޯޑެއް އޮންނަ ގ. ބެރުގޭ، މުހައްމަދު ނަވީން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ނަމަވެސް، އޭނާގެ ކުށުގެ ތާރީޚާ އަޅާ ބަލާއިރު، މި ފަހަރު އޭނާ އަތުލައިގަތީ ވަރަށް އާދައިގެ ކަމެއް ކަމަށްވާ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނެގިކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އޭނާގެ ދިފާއުގައި ބަންދު މަޖިލީހުގައި ވާހަކަ ދައްކަމުން ނަވީން ބުނީ، ފައިސާ ދެއްކުމަށްޓަކައި ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ހޯދަން ޗޮކްލެޓް ހިފައިގެން ދިޔައީ ކަމަށެވެ.
ނަވީންގެ ނަން މީގެ ކުރިން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިންގި ބޮޑު ފޭރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އެ ފަހަރު އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަކީ، އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި ހެދިގެން ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބަނގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9,000 ރުފިޔާ ފޭރިގަތުމެވެ. އެ މައްސަލައިގައި އޭނާ އޭރުވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
Ads by BMLކޯޓުގެ ރެކޯޑްތަކުން އިތުރަށް ދައްކާ ގޮތުގައި، ނަވީންއަކީ ތަކުރާރުކޮށް ކުށްކުރާ މީހެކެވެ. އޭނާއަކީ ބަންދު ރެކޯޑް ގިނަ މީހެއްކަން، ކޯޓުގެ މި ފަހަރުގެ ބަންދު އަމުރުގައި ވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، އެ މައްސަލަ ޝަރީއަތަށް ސާބިތުވެފައެއް ނުވެއެވެ.
Ads by MACL
