ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އުތީމުގައި މާދަމާރޭ ހަވާ އަރުވަނީ
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން، ޤައުމީ ބަތަލު އުތީމު ބޮޑުތަކުރުފާނުގެ އުފަންރަށް، ހއ. އުތީމުގައި މާދަމާރޭ ހަވާ އަރުވަން ނިންމައިފިއެވެ. މިއީ ދެ ދުވަހުގެ މުއްދަތަށް އުތީމުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.
ޤައުމީ ދުވަހުގެ މައި ހަރަކާތް ކަމުގައިވާ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އުތީމުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ދައުލަތުގެ ޢިއްޒަތާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙައްޤުވެރި ފަރާތްތަކަށް އަރުވާނެއެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މިއަހަރުގެ ޚާއްސަ ކަމަކީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން އުތީމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަތުމެވެ.
ޤައުމީ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފެށިގެންދާނީ މާދަމާ ހެނދުނު ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މާލޭގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. ހަވާ އެރުވުމުގެ އިތުރުން، އުތީމުގައި ގަސް އިންދުމުގެ ޕްރޮގްރާމެއްގެ އިތުރުން އަންނަ ހޯމަ ދުވަހު ސަޤާފީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
Ads by BMLއުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ރަށުގެ ރައްޔިތުން، ޚާއްސަކޮށް ޒުވާނުން، ވަރަށް ބޮޑު އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، ޤައުމީ ދުވަހަށް ރަށް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި "މާދަމާ ހެނދުނު އިރުއަރާއިރު އުތީމު ފެންނާނީ އެހެން އުތީމެއްގެ ގޮތުގައި" ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިން ފެށިގެން މާލޭގެ މަގުތަކުގައި އޮންނާނެއެވެ. ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އައުކުރުމަށެވެ.
Ads by MACL
