ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޖުމްހޫރީ މައިދާނުގައި ބޭއްވި ޤައުމީ ދިދަ ނެގުމުގެ ފަޚުރުވެރި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު 6:00 ގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، ޤައުމީ ދިދަ ނެގުމަށްފަހު ވަނީ ޤައުމީ ދުވަހާއި ގުޅޭގޮތުން ޚާއްސަ ދުޢާއެއް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންވެސް ޖުމްހޫރީ މައިދާނުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLޤައުމީ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރަމްޒެވެ. މިއީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވީ ދުވަހުގެ ހަނދާން އައުކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.
މީލާދީން 1558 ވަނަ އަހަރު ޕޯޗުގީޒުން ދިވެހިރާއްޖެ ހިފައި، އޭރުގެ ރަދުން، ޢަލީ ރަސްގެފާނު (ހަވަނަ) ޝަހީދުކޮށްލުމަށްފަހު، 15 އަހަރާއި 6 މަސް ދުވަހުގެ ދިގު މުއްދަތަކަށް ދިވެހިންގެ މައްޗަށް އަނިޔާވެރި ވެރިކަމެއް ކުރިއެވެ.
މި އަނިޔާވެރި ވެރިކަމުން ދިވެހި ޤައުމު ސަލާމަތްކުރެއްވުމަށްޓަކައި ޖިހާދުކުރެއްވީ، އުތީމު ތިން ބެއިންކަމަށްވާ އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) އާއި، އެމަނިކުފާނުގެ ދެ ކޮއްކޯފުޅުން ކަމަށްވާ ޙަސަން ތަކުރުފާނާއި، ޢަލީ ތަކުރުފާނެވެ. އެބޭފުޅުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި، އެންމެ ފަހުން މާލެ މިނިވަން ކުރެއްވިއެވެ.
Ads by MACL
