ޤައުމީ ބަޠަލުންގެ ޢަޒުމުން ޢިބުރަތް ލިބިގަތުމަށް ރައީސް ގޮވާލައްވައިފި
ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމުގެ ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބުރަތް ޙާޞިލުކުރުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. ރައީސް ވިދާޅުވީ ދިވެހިންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދަކީ، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ބަޠަލުންގެ ހަނދާންތައް އާކޮށްދޭ އެއްޗެއް ކަމަށެވެ.
ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް (ބޮޑުތަކުރުފާނު) ދިވެހިރާއްޖެ މިނިވަންކުރެއްވި ކާމިޔާބީ ފާހަގަކުރާ ދުވަހެވެ. މި އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރަށް 466 އަހަރު ފުރިފައިވާއިރު، އެ ފަޚުރުވެރި ޒިކުރާތައް ދިވެހިންގެ ހިތްތަކުގައި އަބަދުވެސް ތާޒާކަމާއެކު ދެމިގެންދާކަމަށް، މީސްމީޑިޔާގައި ޙިއްސާކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤައުމީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވަމުން، ދިވެހިންނަކީ އަބަދުވެސް ޤައުމުދެކެ ލޯބިވެ، ޤައުމިއްޔަތާއި މިނިވަންކަން ދެމެހެއްޓުމުގައި ސާބިތުވެތިބޭ ބަޔަކު ކަމުގައި ދެމިތިބުމުގެ ޢަޒުމް އާކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
Ads by BMLމިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ކުލަގަދަ ޙަރަކާތްތަކެއް ރާއްވަވާފައެވެ. އެގޮތުން، ޤައުމީ ދުވަހުގެ ބަޠަލު، އައްސުލްޠާން މުޙައްމަދު ތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައި މިއަހަރުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ޙައްޤުވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
Ads by MACL
