ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުތީމުގެ ރައްޔިތުންގެ އަގު ވަޒަންކޮށް ގައުމީ ހާއްސަ ޝަރަފު އަރުވައިފި

އުތީމުގެ ރައްޔިތުންގެ އަގު ވަޒަންކޮށް ގައުމީ ހާއްސަ ޝަރަފު އަރުވައިފި

އުތީމު ގަނޑުވަރަކީ ދިވެހި ގައުމިއްޔަތުގެ މުހިންމު ތަރިކައެކެވެ. އެ ތަރިކަ 500 ވަރަކަށް އަހަރު ވަންދެން ޖީލުތަކަށް ފޯރުކޮށްދިނުމުގައި އުތީމުގެ ރައްޔިތުން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް "ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު" މިއަދު އަރުވައިފި އެވެ.

މި ޝަރަފުގެ އައްޑަނަ ރައީސް މުއިއްޒު، އުތީމުގެ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްދެއްވީ، މިއަދުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ރަށުގައި ބޭއްވި ރަސްމީ ޖަލްސާގައި، އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށެވެ. ރައީސް އޮފީހުން ފާހަގަކުރެއްވި ގޮތުގައި، މި ޝަރަފު އެރުވުމަށް ނިންމެވީ އުތީމު ރައްޔިތުން ގަނޑުވަރު ބެލެހެއްޓުމަށް ދެއްވާ އަހައްމިއްޔަތާއި، އެމީހުންގެ ބެލެހެއްޓުންތެރިކަމުގެ ދަށުން އެ ތާރީހީ އިމާރާތް ދެމިއޮތުމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އުތީމު ގަނޑުވަރަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވުމަށް މަތިވެރި ޖިހާދެއް ކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑުތަކުރުފާނުގެ އުފަން އަދި އާއިލީ ގެކޮޅެވެ. އެ ޖިހާދުގައި ބޮޑުތަކުރުފާނުގެ ދެ ކޮއްކޯފުޅުން ކަމަށްވާ ހަސަން ތަކުރުފާނާއި އަލި ތަކުރުފާނުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ގައުމީ އަދި ތާރީހީ ގޮތުން އެ ގެކޮޅަށް ލިބިފައިވާ މަތިވެރިކަމުގެ އަސްލަކީ އުތީމު ތިންބެއިންގެ މި ކާމިޔާބު ޖިހާދެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، އުތީމު ތިންބެއިންގެ މި ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުން، ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.