އުތީމުގައި "އޮނުހިޔާ" ގެ ނަމުގައި އިސްރަށްވެހީންގެ މައިޒާނެއް ރައީސް ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހއ. އުތީމުގެ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި "އޮނުހިޔާ" މައިޒާން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މައިޒާން ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ޤައުމީ ބަތަލު ބޮޑުތަކުރުފާނުގެ ހަނދާނުގައި އެތަނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ.
މީގެ އިތުރުން، ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝަރޫޢުވެސް ވަނީ ޢަމަލީގޮތުން ފަށްޓަވާފައެވެ. މިކަން ފާހަގަކުރުމުގެ ގޮތުން، "ބޮޑުތަކުރުފާނު ދޮރާށި" ގެ ބިންގާ ވަނީ އަޅުއްވާފައެވެ. މި ދޮރާށީގެ ބިންގާ އަޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
މި ދޮރާށި ފަރުމާކޮށްފައިވަނީ ދިވެހި ތާރީޚާއި ސަގާފަތާއި މިނިވަންކަން ރަމްޒުކޮށްދިނުމުގެ އިތުރުން، ކަޅުއޮށްފުންމީގެ ބަތަލުންގެ ހަނދާން އާކުރުމުގެ މަޤްޞަދުގައެވެ. އެގޮތުން، ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ހަ ބަތަލުންގެ ހަނދާނުގައި، އެވޭލާ ދިވެހި މިސްކިތްތަކުގެ ތަނބުތަކުގެ މޮޑެލްއަށް ހަ ތަނބު ވަނީ ހިމަނާފައެވެ. އަދި ރޭގަނޑަށް ދިއްލޭގޮތަށް ހަ ބައްތި ހަރުކޮށްފައިވާއިރު، އެއިން ރަމްޒުކޮށްދެނީ އެ ބަތަލުން ޤައުމަށްޓަކައި ކޮށްދެއްވި ޚިދުމަތުގެ ފަނޑުވުމެއްނެތް ހަނދާންތަކެވެ.
Ads by BMLއުތީމުގައި ބޭއްވި މި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަފަނޑިޔާރު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
