ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހދ. އަތޮޅުގެ ރައްޔިތުންގެ ޙާލު ބެއްލެވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިރިމަރަދޫއަށް

ހިރިމަރަދޫން އެމަނިކުފާނަށް ދެންނެވީ ވަރަށްހޫނު މަރުހަބާއެއް --- ފޮޓޯ: ރައީސް އޮފީސް
ހިރިމަރަދޫން އެމަނިކުފާނަށް ދެންނެވީ ވަރަށްހޫނު މަރުހަބާއެއް --- ފޮޓޯ: ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީގެ ރައްޔިތުންގެ ޙާލުއަހުވާލު އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހިރިމަރަދޫއަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު އެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

ހިރިމަރަދޫއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިރިމަރަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ބޭނުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން ރަށުގެ ޢާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ބައެކެވެ. މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ހިރިމަރަދޫގެ އިތުރުން ހަނިމާދޫ، ނައިވާދޫ، ފިނޭ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ހިރިމަރަދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނެއް މަންޒިލަކީ ހދ. ފިނޭއެވެ. އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.