ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އަނެކާގެ އަބުރަށް އަރައިގަތުމަކީ ޙައްޤެއް ނޫން: ރައީސް މުޢިއްޒު
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، އެއްވެސް މީހަކަށް އަނެކާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމުގެ ޙައްޤު ލިބިގެން ނުވާ ކަމަށާއި، ކޮންމެ ޙައްޤަކީ ވެސް ވަކި ޙުދޫދެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިއަދު މުޖުތަމަޢުން ފެންނަނީ އެކަކު އަނެކަކަށް އިޙްތިރާމު ކުރުމެއް ނެތި އަބުރުކަތިލުމުގެ ނޭދެވޭ އަމަލުތައް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވިޔަސް ނުވަތަ އެހެން ކޮންމެ ޙައްޤެއް ވިޔަސް، އެއީ ވަކި "ލިމިޓެއްގެ" ތެރޭގައި ބޭނުންކުރަންޖެހޭނެ ކަންކަމެވެ.
ދިވެހި ޤައުމު މިނިވަންކަމާއެކު މިހާ ހިސާބަށް ގެނައުމަށްޓަކައި ދިވެހި އަބްޠާލުން ވެވަޑައިގެންނެވި ޤުރުބާނީއަކީ، މިފަދަ އަމަލުތަކަށް މަގުފަހިކޮށްދިނުމަށް ކުރެއްވި ކަމެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، މިކަންކަމަށް ސަމާލުކަން ނުދީފިނަމަ، އަބްޠާލުން ހޯއްދަވައިދެއްވި ދިވެހިވަންތަކަން ވެސް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
Ads by BMLއެމަނިކުފާނު ވަނީ ދިވެހި ޤައުމިއްޔަތުގެ މާނަ ކުރުކޮށް ގެނެސްދެއްވާފައެވެ. އެގޮތުން ޤައުމިއްޔަތަކީ އިސްލާމްދީނަށާއި ދިވެހި ބަހަށާއި، ރިވެތި އާދަކާދަތަކަށް ޚުރުމަތްތެރިކޮށް ހިތުން ކަމަށާއި، ދިވެއްސަކަށް ވީތީ ކޮންމެ މީހެއްގެ ބޮލުގައި އެ ޒިންމާ އެޅިފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ދިވެހިވަންތަކަން ދިރުވާ އާލާކުރުމަށް އަޒުމް އައުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މުސްލިމެއްގެ ހައިސިއްޔަތުން ކޮންމެ މީހަކުވެސް އަތާއި ދޫ ރައްކާތެރިކުރުމުގެ ވާޖިބު ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، ދުލުން ބަހެއް ބޭރުވުމަށްފަހު އެމީހަކު އެ ބަހެއްގެ "އަޅަކަށް" ވެގެންދާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށެވެ.
Ads by MACL
