ހިރިމަރަދޫގެ ކޮންމެ އާއިލާއަކަށް ދޮޅު އަހަރުތެރޭ ހަނިމާދޫން ގެއަކާއެކު ގޯއްޗެއް!
ހދ. ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގެ ކޮންމެ ގޯއްޗަކަށް ބަދަލުގައި ހަނިމާދޫން ގޯއްޗެއް ދޫކޮށް، އެ ގޯތީގައި ޒަމާނީ ގެއެއް އަޅައި، އަންނަ ދޮޅު އަހަރުގެ ތެރޭގައި ރައްޔިތުންނާ ޙަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ އެންމެ އާބާދީ މަދު ރަށް ކަމުގައިވާ ހިރިމަރަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބިޔަ މަޝްރޫޢުގެ އެންމެ ޚާއްޞަ އެއް ކަމަކީ، ހިރިމަރަދޫގައި މިވަގުތު އެއްވެސް އިމާރާތެއް ނެތް ހުސް ގޯތިތަކުގެ ވެރިންނަށް ހަނިމާދޫން ދޫކުރާ ބިމުގައިވެސް ސަރުކާރުން ގެއަޅުއްވައިދެއްވާ ކަމެވެ. މީގެ އިތުރުން، ގޯތީގެ ބަދަލުގެ ގޮތުގައި ފައިސާގެ އެހީއެއްވެސް ދެއްވާނެކަމަށާއި، މިހާރު ބަދަލުގެ ގޮތުގައި ދެމުންދާ އަދަދުތައް އަލުން މުރާޖަޢާ ކުރެއްވުމަށްފަހު، އެއަށްވުރެ ބޮޑު އަދަދެއް ދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މިއީ ސަރުކާރުން ހިންގަވާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ އެދުމުގެ މަތިން، އެއްވެސް މަޖުބޫރުކަމެއް ނެތި ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މި ސިޔާސަތުގެ ދަށުން، ރައްޔިތުން އެހެން ރަށަކަށް ބަދަލުވިޔަސް، އެމީހުންގެ އުފަން ރަށުން އިޤްތިޞާދީ ގޮތުން ފައިދާ ލިބޭނެ ގޮތްތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ހިރިމަރަދޫ ރައްޔިތުންނަށްވެސް މާލީ ނަފާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢު ރަސްމީކޮށް ފެށުމުގެ ގޮތުން، ހިރިމަރަދޫގެ ރައްޔިތުންނަށް ޚާއްޞަކުރެވޭ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމުގެ ފްރޭމްވަރކް އެއްބަސްވުމެއްގައި ހައުސިންގ މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.
ގެތައް އަޅައި ނިމި، ހަނިމާދޫއަށް ބަދަލުވުމަށް ހޭދަވާނެ ދޮޅު އަހަރުގެ މުއްދަތުގެ ތެރޭގައިވެސް ހިރިމަރަދޫގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި، އެހެނިހެން އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
Ads by MACL
