ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ ވައުދުފުޅު ފުއްދުމަށް އެމްއޭސީއެލްގެ އެހީގައި ހަނިމާދޫގައި ފިޓްނަސް ސެންޓަރެއް އަޅަނީ

ރައީސްގެ ވައުދުފުޅު ފުއްދުމަށް އެމްއޭސީއެލްގެ އެހީގައި ހަނިމާދޫގައި ފިޓްނަސް ސެންޓަރެއް އަޅަނީ

2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމުގެ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހދ. ހަނިމާދޫގައި އަޅާ އެފަދަ ސެންޓަރެއްގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް ޒިޔާރަތްކުރެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒުއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން ފިނޭ ކައުންސިލްގެ ޢަބްދުއްސައްތާރު ޙަސަންއެވެ.

މިއީ ކުޅިވަރާ ބެހޭ ވުޒާރާއިން އެމްއޭސީއެލްއާ ގުޅިގެން ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ ދަށުން އަޅާ ސެންޓަރެކެވެ. މިކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ހަމަ މި މަޝްރޫއުގެ ދަށުން އިއްޔެ ވަނީ ހދ. ފިނޭގައި ގާއިމުކުރާ ފިޓްނަސް ސެންޓަރުގެ ބިންގާވެސް އެމްއޭސީއެލްއިން އަޅާފައެވެ.