ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ ޖޯޝުން ލޭ ކައްކުވާލާނެ 7 ލަވަ: އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި

ޤައުމީ ޖޯޝުން ލޭ ކައްކުވާލާނެ 7 ލަވަ: އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި

ޤައުމީ ރޫޙު އާލާކޮށް، ޖޯޝުން ލޭ ކައްކުވާލާ ފަދަ ހަތް ލަވައާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ކޮންމެ އަހަރަކު ޤައުމީ ދުވަހާ ގުޅުވައިގެން ނެރެމުން އަންނަ ޤައުމީ ލަވަ އަލްބަމް މިއަދު ނެރެފިއެވެ.

ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންގެ އަޑުން ގެނެސްދީފައިވާ މި އަހަރުގެ އަލްބަމް ޚާއްޞަކޮށްފައިވަނީ "ޤައުމުގެ ދިފާޢުގައި" މި ޝިޢާރަށެވެ.

މި އަލްބަމަށް ޅެން ހައްދަވައިދެއްވާފައިވަނީ ރާއްޖޭގެ އަދަބީ ގުލްޒާރުގައި ފާހަގަކޮށްލެވޭ ބޭފުޅުންނާއި ސިފައިންގެ ޝާޢިރުންގެ ތެރެއިންނެވެ. އެގޮތުން ޅެން ހައްދަވާފައިވާ ބޭފުޅުންނާއި ލަވަތަކަކީ:

  • އާދަމް ނަޞީރު އިބްރާހީމް - "މި ޤައުމަށް ޚިދުމަތްކުރުމޭ އަރާމަކީ"

  • ކާނަލް ޙުސައިން ޢަލީ - "ސިފައިންގެ މީހެއްގެ ޝުޢޫރު"

  • ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު - "ޤައުމުގެ ދިފާޢުގައި"

  • ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު - "ޤައުމީ ޚިދުމަތުގައި ކުރިއަށް"

  • އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) - "ޖާނުދޭނީ ޤައުމަށް ޓަކައި"

  • ރަޝީދާ އިބްރާހީމް - "ޤައުމު ދިފާޢު ކުރާނަމެވެ"

  • ޕްރައިވެޓް މުޙައްމަދު މާޙިދު - "ސިފައިން"

މި ލަވަތަކަށް ރާގު ހައްދަވައިދެއްވި ފަންނާނުންގެ ތެރޭގައި ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ކޯޕްރަލް ޙަސަން ޝާމިލް މުޙައްމަދު ދީދީ، ޕްރައިވެޓް މުޙައްމަދު މާޙިދު، އަދި ޙުސައިން ޝިފާން ހިމެނިވަޑައިގަންނަވައެވެ.

އަލްބަމްގެ މިޔުޒިކް އެރޭންޖްމަންޓްތައް އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ތައްޔާރުކޮށްފައިވާއިރު، ވީޑިއޯ ތައްޔާރުކޮށް އެޑިޓްކުރުމުގެ މަސައްކަތްކޮށްފައިވަނީ އެމްއެންޑީއެފްގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އާއި ވޮރަންޓް އޮފިސަރ 3 އިބްރާހީމް އަޙްމަދެވެ.

2002 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފުން ދަނީ ކޮންމެ އަހަރެއްގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އަދި މި ލަވަތަކަކީ އަބަދުވެސް އާންމުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާ ލަވަތަކެކެވެ.

މި އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ރަސްމީ ޔޫޓިއުބް ޗެނަލްއިންނާއި ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ. އަދި އަލްބަމްގެ އޯޑިއޯ އާއި ވީޑިއޯ އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.