ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޮޅިވަރަމުގެ ދަނޑުބިންތަކުން ކުލި ނުނެގުމަށް ރައީސް އެދިވަޑައިގެންފި

ނޮޅިވަރަމުގެ ދަނޑުބިންތަކުން ކުލި ނުނެގުމަށް ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޮޅިވަރަމުގެ ދަނޑުވެރިކަންކުރާ ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވުމުގެ ގޮތުން، އެ ރަށުގެ ދަނޑުބިންތަކުން ފީ ނުވަތަ ކުލި ނުނެންގެވުމަށް ނޮޅިވަރަމު ކައުންސިލަށް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޮޅިވަރަމަކީ ދަނޑުވެރިކަމުގެ މާޙައުލެއް އޮތް ރަށަކަށްވާއިރު، އެ މަސައްކަތުން ވަކިވަކި ޢާއިލާތަކަށް ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ކައުންސިލުން މިފަދަ ލުޔެއް ދިނުމަކީ ސަރުކާރުން އެދޭ އެދުމެއް ކަމަށެވެ. މިކަން ކުރުމަށް ކައުންސިލަށް ބޭނުންވާ އެންމެހައި ޙުއްދާތަކާއި އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު އަރުވާފައިވެއެވެ.

ދަނޑުވެރިންނަށް ލުއި ދެއްވުމުގެ އިތުރުން، ރަށުގެ ތަރައްޤީއަށް އަމާޒުކޮށް ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫޢުތަކެއްގެ ތަފްޞީލުވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް މިއަހަރުގެ ތެރޭގައި 30 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް ފަށާނެކަމަށާއި، ރަށުގެ ކަރަންޓުގެ ދަތިކަން ޙައްލުކުރުމަށް އަންނަ ހަ މަސް ދުވަހުގެ ތެރޭގައި އިންޖީނުގެ ބަދަލުކޮށް، ދަނޑުބިންތަކަށްވެސް ކަރަންޓު ފޯރުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، ނޮޅިވަރަމުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު އެއްބަސްވުންތަކެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ބަނދަރު އަޕްގްރޭޑްކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމާއި، މަގުހެދުމުގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ވިއްކާނެ ފިހާރައެއް ޤާއިމުކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

ޒުވާނުންނާއި ކުޅިވަރަށް ޚާއްޞަ އިސްކަމެއް ދެއްވައި، ރަށުގައި ޤާއިމުކުރާ ފިޓްނަސް ސެންޓަރު "އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް"އެއްގެ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށާއި، ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަރޑަށް ހައްދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ތަޢުލީމީ ދާއިރާއިން، ސްކޫލުގައި ހަދާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތުގެ ތެރެއަށް، ސްކޫލަށް ބޭނުންވާ އިތުރު ޢިމާރާތެއް ހިމަނައިގެން ކުރިއަށް ގެންދަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، މި ހުރިހާ މަޝްރޫޢުތަކެއްވެސް ބާރު ދުވެލީގައި ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.