ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ ކޮންޓްރޯލްކުރާ ގޮތަށް ބިލް ފާސްނުކުރަން ޕީއެންސީ މެންބަރުންނަށް ރައީސް އަންގަވައިފި

މީޑިއާ ކޮންޓްރޯލްކުރާ ގޮތަށް ބިލް ފާސްނުކުރަން ޕީއެންސީ މެންބަރުންނަށް ރައީސް އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް މީޑިއާގެ މައްޗަށް ބާރު ލިބިދޭ ގޮތަށް، މަޖިލިހަށް ހުށަހަޅާފައިވާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން' ބިލް ފާސްނުކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަށް އަންގަވައިފި އެވެ.

ރައީސް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ބޭނުންފުޅުވާ ކަމެއް ނޫން ކަމަށާއި، އެފަދަ ނުފޫޒެއް އޮންނަ ގޮތަށް އެއްވެސް ކަމެއް ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

މި ބިލްގައިވާ ގޮތުން އުފައްދާ މީޑިއާ ކޮމިޝަންގެ ރައީސަކު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް އެއީ ބޭނުންފުޅުވާ ގޮތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ބިލް އިސްލާހުކުރާ މަރުހަލާގައި، ކޮމިޝަންގެ ހަތް މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެން އެ މެންބަރުންގެ ތެރެއިން ރައީސަކު ހޮވުމަށް އަންގަވާފައިވާނެ ކަމަށެވެ. "މިގޮތަށް އަޅުގަނޑެއް މިކަމެއް ނުކުރާނަން... އެ އުފެދޭ ކޮމިޝަންގެ ތެރެއިން ކޮމިޝަނުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާނީ،" ރައީސް ވިދާޅުވި އެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީޑިއާ އަށް ފުރިހަމަ މިނިވަންކަން ލިބެންޖެހޭނެ ކަމަށާއި، އެހެންނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުވާން ޖެހޭ ކަމަށެވެ. "އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ. އަޅުގަނޑު އެއްވެސް އިރެއްގައި ކުރި ކަމެއްވެސް ނޫން، ކުރާނެ ކަމެއްވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލިހަށް ހުށަހެޅުއްވި މި ބިލާ މެދު ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ އެ ބިލުން މީޑިއާ ކޮމިޝަނަށް، މީޑިއާތަކާއި ނޫސްވެރިންނަށް ބޮޑެތި އަދަބު ދިނުމުގެ ބާރު ލިބިދޭތީ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ބާރުތަކަކީ:

  • ނޫސްވެރިން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުން.

  • މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުން.

  • ކޯޓު އަމުރަކާ ނުލައި ވެބްސައިޓް ބްލޮކްކުރުމާއި، ބްރޯޑްކާސްޓް ހުއްޓުވުމާއި، ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލްކުރުމުގެ ބާރު.

މި ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ ގިނަ މާއްދާތަކެއް ހިމެނޭ ކަމަށް ބުނެ، ބައެއް ނޫސްވެރިން ވަނީ މަޖިލިހުގެ ޖަލްސާ ހިނގަމުން ދިޔައިރު ގެލެރީގައި ހިމޭން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ.