އެއާޕޯޓުގެ ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒްއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފުލުހުންނަށް ހިންގައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 'އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް' (އެފެކްސް) އަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ، ކުއްލި ހާލަތެއްގައި އެއާޕޯޓުގައި ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ ގާބިލިއްޔަތު އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުގައި، ފުލުހުންގެ އެކި ޑިޕާޓްމަންޓްތައް ތަމްސީލުކުރާ 86 އޮފިސަރަކު ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ތެރެއިން، ވީއައިއޭގެ އެމަޖެންސީ ޕްލޭންއާއި، ކުއްލި ހާލަތެއްގައި އެކި މުއައްސަސާތަކުގެ ޒިންމާތަކާއި ފުލުހުންގެ ދައުރުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން، އެފަދަ ހާލަތެއްގައި ބޭނުންކުރާނެ ވަސީލަތްތަކާއި އިންސިޑެންޓް ކޮމާންޑް ސްޓްރަކްޗަރ ފަދަ މުހިންމު މައުލޫމާތުތައް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފެކްސްއަކީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް ބޭއްވުން ލާޒިމުކުރާ ހަރަކާތެކެވެ. މި އެކްސަސައިޒްގެ މައިގަނޑު މަގުސަދަކީ، ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި، އެއާޕޯޓުގެ އެމަޖެންސީ ޕްލޭންއާއި، ކަމާގުޅޭ އެހެނިހެން މުއައްސަސާތަކާއި އެއާލައިންތަކުގެ ތައްޔާރީތައް ހުރި މިންވަރު ވަޒަންކޮށް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމެވެ.
Ads by BMLފުލުހުންނަށް މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، އެފެކްސްގެ ތައްޔާރީތަކުގެ ތެރެއިން އެމްއޭސީއެލް އިން އަންނަނީ ކަމާގުޅުންހުރި އެތައް އިދާރާއަކަށް މިފަދަ ތަމްރީންތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އެއާޕޯޓުގެ އެކި ޑިޕާޓްމަންޓްތަކުގެ އިތުރުން، މާލޭގައި ހުންނަ ހޮސްޕިޓަލްތަކާއި، ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ރެޑް ކްރެސެންޓް ފަދަ އިދާރާތަކުގެ އޮފިޝަލުން ހިމެނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފަހުން ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރުގެ ހަރަކާތުގައި އެއާޕޯޓާއި ސިއްހީ ދާއިރާ އަދި އެހެނިހެން ދާއިރާތައް ހިމެނޭގޮތަށް 30 އިދާރާއަކުން 400 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
Ads by MACL
